ކުޅިވަރުގެ ދާއިރާގައި ހުރި ކޮރަޕްޝަންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރި މަސައްކަތުން ބޮޑެތި ކާމިޔާބީތަކެއް ހާސިލްވެފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ އޭސީސީން ތައްޔާރުކުރި "ކުޅިވަރު އިންތިޒާމްކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" ނެރުމަށް ބޭއްވި ހަފުލާގައެވެ. އޭސީސީގެ ރައީސް ޝާމިލް އާދަމާއި ދެ އިދާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ހަރަދުކުރާ ގޮތް ބަލައި އޮޑިޓްކުރުމުގެ ނިޒާމު މިހާރު ވަނީ ހަރުދަނާކޮށްފައެވެ. އަދި މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށް ހަރުދަނާ އުސޫލުތަކަކަށް އަމަލުކުރަން ވަނީ ލާޒިމްކޮށްފައެވެ.
އޭގެ އިތުރުން، އެސޯސިއޭޝަންތަކުގެ އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސް، އިދާރީ ހިންގުން ބޮއްސުންލާފައިވާ ތަންތަނުގެ މައްސަލަތައް ބަލައި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އަސާސީ ގަވާއިދުތައް ވަނީ ބަދަލުކޮށްފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުންގެ މުސާރަ ބޮޑުކޮށް، އެއްހަމައަކުން ދޭން ފެށުމުގެ އިތުރުން، އިނާމު ފައިސާގެ އުސޫލު އިސްލާހުކޮށް، ޤައުމީ ޓީމުތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ދޭން ވަނީ ފަށާފައެވެ. މީގެއިތުރުން މުބާރާތްތަކުގައި ހުރުން ލާޒިމް މެޑިކަލް ރިކުއާމަންޓްތަކާއި، ވޯލްޑް އެންޓި ޑޯޕިންގ ކޯޑަށް އަމަލުކުރަން ފެށުމުގެ އިތުރުން ކުޅިވަރުގައި ދެޖިންސުގެ ހަމަހަމަކަން ގާނޫނުން ވަނީ ކަށަވަރުކޮށްދީފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވުމަށް އޭސީސީއާ ގުޅިގެން "ޕަޗަސް" ކެމްޕެއިން ފަށާފައިވާ ކަމަށާއި، ގަވާއިދުތައް ހެދުމުގެ އިތުރުން ކޯޗުންނާއި އެތުލީޓުން ހޭލުންތެރިކުރުވުމަށް ސިލްސިލާ ތަމްރީނުތައް ހިންގަމުންދާ ކަމަށެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ޒުވާނުންނަށް ސާފު، ދެފުށް ފެންނަ އަދި އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ހޯދައިދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



