ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކުރެއްވީ ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމަށްޓަކައި، ރާއްޖޭގެ ސަރުކާރާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިން މޮސްކޯ އަދި ސެއިންޓް ޕީޓަސްބާގަށް ކުރައްވަމުންދާ ދަތުރުފަތުރުގެ ތެރެއިންނެވެ.
މި ދަތުރުގެ ތެރެއިން ވަޒީރު އަމީން ވަނީ ރަޝިޔާގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާ މޮސްކޯގައި ބައްދަލުކުރައްވާފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި ރަޝިޔާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އެއްބަސްވެވުނުކަން ފާހަގަކުރައްވަމުން، މިއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ރަޝިޔާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުން މިހާތަނަށް އެ ޤައުމުން 198,748 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.



