ދުނިޔޭގެ އެންމެ ބޮޑު އެއް ޝިޕިން ކުންފުނި ކަމަށްވާ މާސްކުން، އިރުމަތީ އޭޝިއާގެ ޤައުމުތަކުން ދިވެހިރާއްޖެއާއި ސްރީލަންކާއަށް މުދާ އެތެރެކުރާ ކޮންޓެއިނަރުތަކުން ނަގާ ޕީކް ސީޒަން ސާޗާޖް ބޮޑުކޮށްފިއެވެ.
މި ބަދަލާއެކު 20 ފޫޓާއި، 40 ފޫޓު އަދި 45 ފޫޓުގެ ހައި-ކިއުބް ޑްރައި ކޮންޓެއިނަރުތަކުން، ސައިޒަށް ބެލުމެއްނެތި ކޮންމެ ކޮންޓެއިނަރަކުން 400 އެމެރިކާ ޑޮލަރު އިތުރަށް ނަގާނެއެވެ. މި ފީ ނަގަން ފަށާނީ ޗައިނާ، ޖަޕާން، ސިންގަޕޫރު، މެލޭޝިއާ، އަދި ދެކުނު ކޮރެއާ ހިމެނޭހެން އިރުމަތީ އޭޝިއާގެ 16 ޤައުމަކުން ގެންނަ މުދަލުންނެވެ. ގިނަ ޤައުމުތަކުން މި މަހުގެ 31 އިން ފެށިގެން ފީ ނަގަން ފަށާއިރު، ވިއެޓްނާމުން ސެޕްޓެމްބަރު 1 އިން އަދި ދެކުނު ކޮރެއާއިން ސެޕްޓެމްބަރު 4 އިން ފެށިގެން މި ފީ ނަގަން ފަށާނެއެވެ.
ޕީކް ސީޒަން ސާޗާޖަކީ އަހަރުގެ ފަހުކޮޅު ޗުއްޓީތަކާ ދިމާކޮށް މުދާ އުފުލުމުގެ ޑިމާންޑު ބޮޑުވުމުން އޮޕަރޭޝަނަލް ހަރަދުތައް ފޫބެއްދުމަށް ނަގާ ފީއެކެވެ. މާސްކުން ބުނި ގޮތުގައި މި ފީ ނަގާނީ ނޮން-ސްޕޮޓް ބުކިންތަކުން އެކަންޏެވެ. އަދި ވަގުތުން ފައިސާ ދައްކައިގެން ޖާގަ ކަށަވަރުކުރާ ސްޕޮޓް ބުކިންތަކަށް މި ފީއެއް ނުނަގާނެއެވެ. އެހެންކަމުން ދުރާލާ ކޮންޓްރެކްޓު ހަދައިގެން މުދާ ގެންނަ ވިޔަފާރިވެރިންނަށް މީގެ އަސަރު ކުރާނެއެވެ.
އިރުމަތީ އޭޝިއާއަކީ ރާއްޖެއަށް ގިނަ އަދަދަކަށް މުދާ އެތެރެކުރާ މާކެޓަކަށް ވުމުން، ޝިޕިން ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގުތައް އުފުލިގެންދާނެއެވެ. އޭޑީބީ އާއި ވޯލްޑް ބޭންކުންވެސް ލަފާކޮށްފައިވަނީ މުދާ އެތެރެކުރުމުގެ ހަރަދު ބޮޑުވުމާއި ތެލުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން މިއަހަރު ރާއްޖޭގެ އިންފްލޭޝަން 5 އާއި 6 އިންސައްތައާ ދެމެދުގެ މިންވަރަކަށް މަތިވާނެ ކަމަށެވެ. މީގެއިތުރުން އިމްޕޯޓަށް ބަރޯސާވާ ސްރީލަންކާގެ އިގުތިސާދަށްވެސް މި ބަދަލުގެ ނޭދެވޭ އަސަރު ކުރާނެއެވެ.



