ދިވެހިރާއްޖޭގައި ލައިސެންސް ލިބިގެން ޚިދުމަތް ދޭން ފެށި 9 ވަނަ ބޭންކު، މޯލްޑިވްސް ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. ބާސެލޯ ނަރަންދުރަގައި ބޭއްވި މި ޚާއްޞަ ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ބޭންކުގެ ފުރަތަމަ ބްރާންޗާއެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ބޭނުންކުރާނެ މޯބައިލް އެޕްލިކޭޝަނާއި އިންޓަރނެޓް ބޭންކިންގ ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެ ބޭންކުގެ ފައުންޑަރ އަދި ޝެއަރހޯލްޑަރ މުޙައްމަދު ޢަލީ ޖަނާޙް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން މަރުކަޒީ ބޭންކުގެ ގަވަރނަރު އަޙްމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ބޭންކިންގ ސިނާއަތް ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށާއި، ދިވެހި އިންވެސްޓަރުން މީގެ ތެރެއަށް ގެނައުމަށް ފަހި މާހައުލެއް ޤާއިމުކުރުމަށް އެމްއެމްއޭއިން މަސައްކަތްކުރަމުންދާ ކަމަށެވެ. މީގެއިތުރުން ބޭންކުގެ ޗެއަރޕާސަން ޢާއިޝާ ނޫރްޢައިން ޖަނާޙް ވަނީ މި ބޭންކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ކުރިމަގުގައި އިތުރު ކާމިޔާބީތައް ހޯދުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި މި ހަފުލާގައި ބޭންކުގެ ޓެކްނިކަލް ޕާޓްނަރުންނަށްވެސް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.
އާންމު ފަރުދުންނަށާއި ވިޔަފާރިތަކަށް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފެއްދި މޯލްޑިވްސް ޕްރިމިއަރ ބޭންކުގެ މަސައްކަތް ފެށިގެން ދިޔައީ، މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައި މަރުކަޒީ ބޭންކުން އެ ކުންފުންޏަށް އޮޕަރޭޓިންގ ލައިސެންސް ދޫކުރުމާ ގުޅިގެންނެވެ



