މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގެ މާލީ ހާލަތު ރަނގަޅުކޮށް ކުންފުނި ހަރުދަނާކުރުމުގެ ގޮތުން، މެޖޯރިޓީ ހިއްސާ ސަރުކާރަށް ވިއްކާލުމަށް "ރައިޓްސް އިޝޫ" އަކަށް ހުޅުވާލަން އެ ކުންފުނީގެ ބޯޑުން ހުއްދަ ދީފިއެވެ.
ރައިޓްސް އިޝޫއަކީ ކުންފުނީގެ މިހާރުގެ ހިއްސާދާރުންނަށް އެ ފަރާތްތަކުގެ ހިއްސާގެ ނިސްބަތުން އާ ހިއްސާ ގަތުމަށް ހުޅުވާލާ ފުރުސަތެކެވެ. މިހާރު އެމްޓީޑީސީގެ ހިއްސާ އޮތް ގޮތަށް ބަލާއިރު 53 އިންސައްތަ އޮންނަނީ އާންމުންގެ އަތުގައެވެ. އަދި 47 އިންސައްތަ ސަރުކާރުގެ އަތުގައި އޮންނައިރު، ރައިޓްސް އިޝޫއަކަށް ދިއުމުން ހިއްސާގެ ބޮޑު ބައެއް ގަތުމުގެ ފުރުސަތު ސަރުކާރަށް ލިބިގެންދާނެއެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ކުންފުނި ފައިދާވާ ތަނަކަށް ހެދުމަށް ބޯޑުން ނިންމި ނިންމުމެކެވެ. އަދި އެމްޓީޑީސީއަކީ ލިސްޓެޑް ކުންފުންޏަކަށްވާތީ، ސީއެމްޑީއޭ އާއި ސްޓޮކް އެކްސްޗޭންޖުގެ ގަވާއިދުތަކާ އެއްގޮތަށް، ހިއްސާދާރުންނާއި ސަރުކާރަށްވެސް ހަމަހަމަ ހައްގުތަކެއް ލިބޭނެހެން ދެފުށް ފެންނަ ގޮތަށް މި މަރުހަލާތައް ކުރިއަށްދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުން ނިންމާފައިވަނީ އެމްޓީޑީސީގެ ދަށުގައިވާ ގދ. މަގުއްދުވާ ނުއަގުގައި ވިއްކާލަން އުޅޭކަމަށް ފެތުރުނު ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފައި ވަނިކޮށެވެ. އެމްޓީޑީސީން ބުނެފައިވަނީ ހދ. ނާގޯށި، ގދ. މަގުއްދުވާ (އަޔާޑާ ރިސޯޓު) އަދި ބ. ކިހަވައްހުރަވަޅި (އަނަންތާރާ ކިހާވަށް) ގެ ހެޑްލީޒް ހައްގުތައް ވިއްކާލުމަށް ނުވަތަ ދޫކޮށްލުމަށް އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެ ކަމަށެވެ.



