ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި ބިލު ފާސްވީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
މި އިސްލާހުގެ މުހިންމު ބޭނުމަކީ ރާއްޖެއަށް ކުނި އެތެރެކުރުން މަނާކުރުމާއި، ކުނި މެނޭޖުކުރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ގާނޫނީ ގޮތުން ހުރި ދަތިތައް ހައްލުކުރުމެވެ. ކުރިން މިނިސްޓްރީގެ ހުއްދައާއެކު ކުނި އެތެރެކުރެވުނު ނަމަވެސް، އާ އިސްލާހާއެކު އެކަން އެއްކޮށް މަނާވާނެއެވެ.
މީގެއިތުރުން، 50 ކޮތަޅަށްވުރެ ގިނައިން ހިމެނޭ ޕްލާސްޓިކް ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ހޯލްސޭލްކޮށް ވިއްކާއިރު ފީ ނަގާކަށް ނުޖެހޭނެއެވެ. މި ލުޔާއެކު ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި މިދިޔަ އަހަރު 5.9 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ މިހާތަނަށް ވަނީ 2،011،421 ރުފިޔާ ލިބިފައެވެ.



