ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ހިންގަމުންދާ ތަންތަނާއި އެ މިނިސްޓްރީގެ ހުއްދަނެތި އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ތަންތަނުގެ ތެރެއިން، އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެއިތުރުން، ދައުލަތަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދައްކައި ހަލާސްކުރުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ޓޫރިޒަމްގެ ގާނޫނުގައިވާ ގޮތުން، ކުލި ނުދައްކާ ރިސޯޓުތައް ޖޫރިމަނާކުރުމުގެ އިތުރުން ކުލީގެ އެއްބަސްވުން ބާތިލުކޮށް، އެފަދަ ތަންތަން ދައުލަތަށް ނެގުމުގެ ބާރު ލިބިގެންވެއެވެ. މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބި އެބަހުއްޓެވެ.



