ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝިއޭނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ އޮފިޝަލް އޭވިއޭޝަން ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އައިޝަތު ޝިރާނީ ނާސިރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އޮފް އެއާ ސާވިސް ޑިވެލޮޕްމަންޓް ނަޝާޔާ އަބްދުލް ވާހިދެވެ.
މި ޕާޓްނަޝިޕްގެ ދަށުން ވޯލްޑް ޓްރެވަލް އެވޯޑްސްއަށް އެއްބާރުލުން ދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބްރޭންޑިން އަދި ޕްރޮމޯޝަނަލް އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ވީއެމްސީން ފާހަގަކުރި ގޮތުގައި މިފަދަ ގުޅުމެއްގެ ސަބަބުން ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެ، އެވޯޑްސްގެ ތައްޔާރީތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ދެ ދާއިރާގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، މުޅި ހަފްލާގެ ކަންކަން އަމާންކަމާއެކު އިންތިޒާމުކުރުމަށް ބޮޑު ބާރަކަށްވެގެންދާނެއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ނަޝާޔާ ވިދާޅުވީ، ރަސްމީ އޭވިއޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔައި، ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމާއެކު ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް އެހީތެރިވުމަކީ އެމްއޭސީއެލްގެ ފަޚުރެއް ކަމަށެވެ. މީގެއިތުރުން، މި އެއްބާރުލުމަކީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ނަން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މެދުކެނޑުމެއްނެތި ކުރިއެރުވުމަށް ދެފަރާތުން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހޯދާ މަތީ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމަށް ބާއްވާ، ދުނިޔޭގެ މަގުބޫލު މަންޒިލްތަކާއި، ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާތަކާއި، ހޮސްޕިޓަލިޓީ ބްރޭންޑްތައް އެއްވެއުޅޭ ހަރަކާތެކެވެ. މިފަހަރުގެ އިންޑިއަން އޯޝަން 2026 ގެ ހަފްލާ ރާއްޖޭގައި ބޭއްވުމަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ސިނާއަތުގެ މުހިންމު ފަރާތްތަކަށް ރާއްޖެ އިޝްތިހާރުކޮށް، ޕްރޮފެޝަނަލް ނެޓްވޯކްތައް ވަރުގަދަކޮށް، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މަންޒިލްގެ ގޮތުގައި ރާއްޖޭގެ މަގާމު ދެމެހެއްޓުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ.



