މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާލެ ޓެކްސީ ލައިން ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މަޢުލޫމާތުތަކަށް ބަދަލުގެނެސް، ސިސްޓަމްގައި ހުރި މަޢުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކުކަން އެ ކުންފުނީގެ އެތެރޭގެ ތަޙުޤީޤުން ފާހަގަވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން އެ ކުންފުނިން ރަސްމީކޮށް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މީގެ އިތުރުން އެމްޓީސީސީން ވަނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ޙައްޤުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުންމަތީ އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވައި، ދިވެހި ސަރުކާރު، ކުންފުނީގެ ހިއްސާދާރުންނާއި ކަސްޓަމަރުންނާއި، އަދި ވިޔަފާރީގެ އެންމެހައިބައިވެރިން އެ ކުންފުންޏަށް ކުރާ އިތުބާރަށް ޝުކުރު އަދާކޮށްފައެވެ.
އަދި އެ ކުންފުނިން ވަނީ މާލެ ޓެކްސީ ލައިން ޚިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި ފެށިގެން މިވީ ދުވަސްތަކުގެ ތެރޭގައި، ކަސްޓަމަރުންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއި އެއްބާރުލުމަށްވެސް ޝުކުރު އަދާކޮށްފައެވެ.
އެމްޓީސީސީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސްއަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުގެ ސްކްރީންޝޮޓްތައް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގެ މުވައްޒަފެއްކަން އެތެރޭގެ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައެއް ނެތި، އަމިއްލަ ޒާތީ އާއި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
ޑޭޓާބޭސްއަށް ބަދަލުތަކެއް ގެނެސްފައިވާކަން އެމްޓީސީސީގެ އައިސީޓީ ނެޓްވޯކް ސެކިއުރިޓީ ޓީމަށް ފާހަގަވުމާއެކު، ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިއުރިޓީ ލޮކްޑައުންއަކަށް ގެނައެވެ. އަދި ހޮނިހިރު ދުވަހުގެ ރޭގެ 11:30 ގައި ސާވާ އާއި ބެކްއެންޑް ސިސްޓަމް ރައްކާތެރިކަމާއެކު ރީސްޓޯކޮށްފައިވާތީ، ޓެކްސީ ލައިންގެ ހިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އެއްވެސް ދަތިކަމެއް ނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ. މިއީ ބޭރުން ފަޔާވޯލް ފަޅާލައިގެން ދީފައިވާ ހެކިން ހަމަލާއެއް ނޫންކަންވެސް އެމްޓީސީސީން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަނީ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ.



