ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ފުލެޓުތަކުގެ އޭސީ ޑްރެއިން ހޮޅިތައް ގުޅާފައި ހުރީ ރަނގަޅަށްތޯ ބެލުމަށް އިލްތިމާސްކޮށްފިއެވެ.
އެފްޑީސީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓުތަކުގެ ޑްރެއިން ހޮޅިތައް، އެކަމަށް ޚާއްޞަކުރެވިފައިވާ ޑްރެއިން ޕައިޕާ ގުޅާފައި ނުވުމުގެ ސަބަބުން، ޝާފްޓް ސަރަހައްދުތަކަށް ފެން އެޅި، އިމާރާތަށާއި އެހެނިހެން ޔުނިޓުތަކަށް ގެއްލުންވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެންކަމުން ހުރިހާ ޔުނިޓުތަކެއްގެ އޭސީ ޑްރެއިން ހޮޅިތައް ހުރީ ރަނގަޅަށް ގުޅައި، ފެން ލީކު ނުވާނެހެންތޯ ޔަޤީންކުރުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.
މިގޮތަށް ހުރި މައްސަލަތައް އަންނަ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރަނގަޅުކުރުމަށް އެ ކުންފުނިން ވަނީ އަންގައިފައެވެ. އަދި ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން މިކަން އިޞްލާޙު ނުކުރާ ފަރާތްތަކާމެދު، ހަމަޖެހިފައިވާ އުޞޫލުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.



