ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ޕެޓިޝަންތަކާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާއެއް އުނިކުރުމަށް، ސަރުކާރުގެ ފަރާތުން މަޖިލީހުގެ ގަވާއިދަށް އިސްލާޙު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިޞްލާޙު މަޖިލީހަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ.
މެންބަރު މަމްދޫޙު ހުށަހެޅުއްވި މި އިސްލާޙަކީ މަޖިލީހުގެ ގަވާއިދުގެ 257-1 ވަނަ މާއްދާގެ (ޅ) އުނިކުރުމަށެވެ. އެ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވަނީ، މަޖިލީހަށް ކުރިން ހުށަހެޅިގެން ކުރިއަށްދާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލާފައިވާ ފިޔަވަޅެއް އަލުން އެޅުމަށް އެދި ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.
މި އިސްލާޙު މަޖިލީހުން ފާސްވެއްޖެނަމަ، އެއް މައުޟޫޢަކަށް ތަކުރާރުކޮށް މަޖިލީހަށް ޕެޓިޝަން ހުށަހެޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.
މި އިސްލާޙު މަޖިލީހަށް ހުށަހަޅާފައި މިވަނީ، ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބިން ވަކިކުރަން ބޭނުންވާ ޙާލަތްތަކުގައި، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞުން ބިން ވަކިކުރުމުގެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙާ ގުޅިގެންނެވެ.
އެގޮތުން، ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އެ އިސްލާޙަށް ތާއީދުކޮށް، މަޖިލީހުގެ ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް ސޮއި ހަމަވުމުގެ ކުރިން ޕެޓިޝަނެއް ހުށަހަޅާފައިވެއެވެ. އަދި ހަމައެއާއެކު، އެ އިސްލާޙާ ދެކޮޅަށް 2,300 އަށްވުރެ ގިނަ މީހުން ސޮއިކޮށްވެސް މަޖިލީހަށް ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅުނު މި އިސްލާޙުގެ މައްސަލަ މިހާރު ވަނީ އިތުރަށް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޢާންމު ކޮމިޓީއަށް ފޮނުވާފައެވެ.



