ވިލިމާލޭގެ އުތުރު ފަރާތުގައި ޑިންގީ ޖެޓީ ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ފަސް މަސްދުވަހުގެ ތެރޭގައި މަސައްކަތްތައް އެކީ ނިންމަންޖެހޭ ގޮތަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއިލް ހަމީދު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ (ރިޓަޔާޑް) އަހްމަދު ސައުދީއެވެ. އަދި މި ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލެވެ.
މި މަޝްރޫއުގެ ދަށުން ކުރެވޭ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ނެރާއި ބަނދަރުގެ ތެރެއިން 3،698 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، ރޭމްޕާއި ސިޑިއާއެކު 74 މީޓަރުގެ އެއްގަމު ތޮއްޓެއް ބިނާކުރުން ހިމެނެއެވެ. އޭގެ އިތުރުން 3 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރެއް ގާއިމުކުރުމުގެ އިތުރުން 74 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ކުރިއަށްދާނެއެވެ.



