ރާއްޖެއަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއެކު 50 މިލިއަން ޑޮލަރުގެ ލޯން އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން މިއަދު ސޮއިކޮށްފިއެވެ. "އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. އަދި އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓުގެ ހެޑް ޑރ. ތިއަމް ހީ އަންގްއެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަރުކާރުން ތެލަށް ކުރަންޖެހޭ ހަރަދު އިތުރުވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމެވެ.
މިއީ މަލްޓިލެޓަރަލް ބޭންކުތަކުން ލުއިގޮތްތަކެއްގައި ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެހުނު ފެސިލިޓީއެކެވެ. އަދި މިފަދަ ކޮންސެޝަނަލް ފެސިލިޓީތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.



