"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި އެމެރިކާގެ ނޭވީގެ އެހީތެރިކަން ހޯދަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ތިލަފުށިން މުދާ ބަރުކޮށްގެން ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް، މި މަހުގެ 5 ވަނަ ދުވަހުގެ ރޭގައެވެ. ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދޯނީގެ ކެޕްޓަން ތ. މަޑިފުށީ މުހައްމަދު ހަމްދޫން (35އ) އާއި، ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސާޖަންޓް އިބްރާހީމް އަހުމަދު (39އ) ވަނީ ގެއްލިފައެވެ. މި ހާދިސާއަށް ނުވަ ދުވަސް ވެފައިވާއިރު، އެ މީހުން ހޯދުމުގެ މަސައްކަތް އަދިވެސް މެދުނުކެނޑި ދަނީ ކުރަމުންނެވެ.
ފްލައިޓްރާޑާގެ މައުލޫމާތުތަކުން ދައްކާގޮތުގައި، ކަނޑުގެ ސަރަހައްދުތައް ބެލެހެއްޓުމާއި ހޯދައި ސަލާމަތްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާ ނޭވީގެ "ބޮއިންގް ޕީ-8އޭ ޕޮސެއިޑޮން" މަތިންދާބޯޓެއް ހުވަދޫ ކަނޑުގެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. އެމެރިކާގެ ނޭވީން ހުވަދޫ ކަނޑު ސަރަހައްދުގައި މި މަސައްކަތް ފެށި ނަމަވެސް، އެ މަސައްކަތާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުވަތަ ދިވެހި ސަރުކާރުންވެސް ހާމަކޮށްފައެއް ނުވެއެވެ.
ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދުމާ ގުޅިގެން ފެށި މި ސާޗް އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައި ފާސްކުރަމުންދާއިރު، އެމްއެންޑީއެފް އާއި ފުލުހުންގެ ވަސީލަތްތައްވެސް ދަނީ ބޭނުންކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފުން ވަނީ އިއްޔެގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިންމާލާފައެވެ. ފޮރިން މިނިސްޓްރީން މި މަހުގެ 9 ވަނަ ދުވަހު ބުނެފައިވަނީ އެންމެ ބޮޑު އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށާއި، އެ އޮޕަރޭޝަނަށް ބޭނުންވާ އިތުރު ފަންނީ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް ބޭރުގެ ޤައުމުތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށްވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ސަބްމެރިންތަކަށްވެސް ނުދެވޭހާ ފުން ސަރަހައްދެއް ނަމަވެސް، ޒަމާނީ ޔޫއޭވީ ޑްރޯންތަކާއި ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން ރޭދުވާލު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ދަމުންނެވެ.



