މިއަދުގެ ހުކުރު ޚުތުބާ ޚާއްޞަކުރެވިފައިވަނީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަސްދަރު ކަމުގައިވާ ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގެ މުހިންމުކަމުގެ މައްޗަށެވެ. ކީރިތި ޤުރްއާނަކީ އިސްލާމްދީނުގެ ފުރަތަމަ މަސްދަރު ކަމުގައިވާއިރު، އެ ދީނުގެ ޙުކުމްތައް ފުރިހަމައަށް ފަހުމްވެ، ޢަމަލީ ދިރިއުޅުމުގައި ތަންފީޛު ކުރެވެނީ ރަސޫލާ ﷺ ގެ ސުންނަތަށް ތަބާވެގެންނެވެ. ކީރިތި ޤުރްއާނުގައި ނަމާދު ކުރުމާއި ޙައްޖުވުމަށް އަމުރުކުރައްވާފައިވީ ނަމަވެސް، އަޅުކަންތައް ކުރާނެ ތަފްޞީލީ ގޮތްތައް ބަޔާންކޮށްދެއްވާފައިވަނީ ސުންނަތުންނެވެ.
އެހެންކަމުން، ސުންނަތަކީ ހަމައެކަނި އިޚްތިޔާރީ ކަމެއްގެ ގޮތުގައި ދެކި، ކީރިތި ޤުރްއާނުން އެކަނި ފުއްދާލުމަކީ ހެދޭ ވަރަށް ބޮޑު ކުށެކެވެ. ކީރިތި ޤުރްއާނަށް އީމާންވެ، ސުންނަތަށް އިންކާރުކުރާ މީހާއަށް ފުރިހަމަ މުސްލިމަކަށް ނުވެވޭނެކަމާއި، ޤުރްއާނާއި ސުންނަތަކީ ވަކިނުކުރެވޭނެ ދެ އަސާސްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. މާތް ﷲ ދީން ރައްކާތެރިކުރައްވާނެކަމަށް ވެވޮޑިގެންފައިވާ ވައުދުފުޅުގެ ތެރޭގައި ކީރިތި ޤުރްއާނުގެ އިތުރުން ސުންނަތްވެސް ހިމެނޭކަން ޚުތުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: "كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلَّا مَنْ أَبَى، قَالُوا: يَا رَسُولَ اللَّهِ، وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِي دَخَلَ الْجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى"*
"ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ދެކޮޅުހަދައިފި މީހަކު މެނުވީ އެއްމެން ވެސް ސުވަރުގެ ވަންނަހުއްޓެވެ. އެހިނދު އަޞްޙާބުބޭކަލަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ދެކޮޅުހަދަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެ ވަންނަހުއްޓެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ މީހާ ހަމަކަށަވަރުން ދެކޮޅުހަދައިފިއެވެ!"
މުސްލިމުންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ކީރިތި ރަސޫލާ ﷺ ނަމޫނާއަކަށް ބަލައި، އެކަލޭގެފާނު އަންގަވާފައިވާ ކަންކަމުގައި ހިފަހައްޓައި، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ލިބޭނެ ހެޔޮ މަގެވެ.



