އެމެރިކާއިން އިރާނު މުއްދަތެއް ނެތް ގޮތަށް ކަނޑުމަގުން ބަންދުކުރާނެކަމުގެ އިންޒާރު ދިނުމާ ގުޅިގެން، ތެޔޮ ފޯރުކޮށްދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަން އުފެދި ހުކުރު ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކުޑަކޮށް އުފުލިފައެވެ. ތެލުގެ އަގު މިގޮތަށް އުފުލިގެން ދިޔައީ، ތެލަށް އޮތް އެދުން ދަށްވާނެކަމަށް ބެލެވުމާއި އެމެރިކާގައި ތެޔޮ ރައްކާކޮށްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ކުރީ ދުވަހު ތެލުގެ އަގުތައް ވަރަށް ބޮޑަށް ވެއްޓުމަށްފަހުއެވެ.
ޖީއެމްޓީން 0247 އާއި ހަމައަށް ބްރެންޓް ފިއުޗަރސްގެ އަގު 1 ސެންޓު (0.1 އިންސައްތަ) އުފުލި ފީފާއެއްގެ އަގު 87.08 ޑޮލަރަށް އަރާފައިވާއިރު، އެމެރިކާގެ ޑަބްލިއުޓީއައި ކްރޫޑް ފިއުޗަރސްގެ އަގު 6 ސެންޓު އުފުލި ފީފާއެއްގެ އަގު އުޅުނީ 81.31 ޑޮލަރުގައެވެ. ކުރީ ދުވަހު އަގު 2 އިންސައްތައަށްވުރެ ދަށްވިނަމަވެސް، މުޅި ހަފުތާއަށް ބަލާއިރު ބެންޗްމާކް އަގުތައް އުޅުނީ 4 އިންސައްތަ މަތީގައެވެ. ރައިސްޓެޑް އެނާޖީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ސޫޒަން ބެލް ފާހަގަކުރެއްވި ގޮތުގައި، ތެޔޮ ރައްކާކުރެވިފައިވާ މިންވަރު އިތުރުވިނަމަވެސް، ސިޔާސީ މަޝްރަހު އޮތްގޮތުން ތެލުގެ އަގު މާ ބޮޑަށް ވެއްޓުނަނުދީ ހިފަހައްޓައިދެއެވެ.
ބުރާސްފަތި ދުވަހު އެމެރިކާއިން ވަނީ ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ހުއްޓިފައިވާތީ، އިރާނު ކަނޑުމަގުން މުއްދަތެއް ނެތް ގޮތަށް ބަންދުކޮށް، ތެހެރާނަށް ދެމުންދާ އިގްތިސާދީ ޕްރެޝަރު ބޮޑުކުރެވިދާނެކަމުގެ އިންޒާރުީދީފައެވެ. ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ނިއުސްމެކްސްގެ "ރޮބް ޝްމިޓް ޓުނައިޓް" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، "އަންނަ ހަފުތާގައި އިތުރު އިއުލާންތައް އަންނާނެތީ އެކަމަށް ސަމާލުވެތިބޭ، މިއީ ގައުމެއް އިގްތިސާދީގޮތުން އެކަހެރިކުރުމުގެ ތާރީޚުގައިވެސް ފެނިފައިނުވާފަދަ ފިޔަވަޅުތަކެއް އަޅާނެ ފަހަރު،" ކަމަށެވެ.
ދުނިޔޭގެ ތެލުގެ 20 އިންސައްތަ އުފުލާ ހޮރުމުޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުމާ ގުޅިގެން ތެލުގެ އަގު މައްޗަށް ގޮސް، ހަނގުރާމަ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. ނަމަވެސް އީރާނުން ބުނަމުންދަނީ އެ ކަނޑުއޮޅި އޮތީ އެގައުމުގެ ފުރިހަމަ ބެލެހެއްޓުމާއި ކޮންޓްރޯލްގެ ދަށުގައި ކަމަށެވެ.
ދިގުލައިދާ ހަނގުރާމައެއްގެ ސަބަބުން ތެޔޮ ލިބުން ދަތިވެދާނެކަމުގެ ބިރު ބޮޑުވިނަމަވެސް، އޯޕެކް އަދި އިންޓަނޭޝަނަލް އެނާޖީ އޭޖެންސީއިން ތެލުގެ އެދުން މައްޗަށްދާނެ މިންވަރު ދަށްކޮށް ލަފާކުރުމާއި، އެމެރިކާގެ ތެޔޮ ރައްކާކުރެވިފައިވާ މިންވަރު 3 އަހަރަރަކާއި ބައިގެ ތެރޭގައި ހަފުތާއަކު އެންމެ ބޮޑަށް އިތުރުވިކަން ދައްކާ މައުލޫމާތުތަކުގެ ސަބަބުން އެކަން ވަނީ ހަމައަކަށް އެޅިފައެވެ. ކޭސީއެމްގެ ޗީފް މާކެޓް އެނަލިސްޓް ޓިމް ވޯޓަރާ ވިދާޅުވި ގޮތުގައި، މި އިދިކޮޅު ޕްރެޝަރުތައް އޮތްހާ ހިނދަކު، މާކެޓް އެއްވަރެއްގައި ހިފެހެއްޓިފައި އޮތްނަމަވެސް އަގުތައް މަތިވެގެންދާން ދަތިވާނެއެވެ.



