ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ގަސްދުކުރާ ކަމަށް ބުނެ ފާއިތުވި އަހަރުގެ ތެރޭގައި އިސްރާއީލުން އެމެރިކާއަށް ގިނަ އިންޒާރުތަކެއް ދީފައިވާ ކަމަށް އެމެރިކާގެ މިހާރުގެ އޮފިޝަލަކާއި ކުރީގެ ދެ އޮފިޝަލަކު ވަނީ މައުލޫމާތު ދެއްވާފައެވެ. އިސްރާއީލުން މި އިންޒާރުތައް ދީފައިވަނީ ސިއްރު އެއާ ފޯސް ވަން އޮޅުވާލުމުގެ އޮޕަރޭޝަނުގެ ކުރިންނާއި ފަހުންނެވެ. ނަމަވެސް، އިސްރާއީލުން ދިން މި މައުލޫމާތުތަކަކީ ތެދެއްކަން އެމެރިކާގެ އިންޓެލިޖެންސް އޮފިޝަލުންނަށް އަމިއްލައަށް ކަށަވަރު ކުރެވިފައެއް ނުވެއެވެ.
އިސްރާއީލުގެ އޮފިޝަލުން އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކަށާއި ސީދާ ވައިޓް ހައުސްގެ އިސް އޮފިޝަލުންނަށް ފޯރުކޮށްދީފައިވާ އިންޒާރުތަކުގެ ތެރޭގައި، ސްނައިޕަރަކު ބޭނުންކޮށްގެން ޑޮނަލްޑް ޓްރަމްޕަށް ހަމަލާދިނުމާއި، އާންމުންގެ ބޮޑު އެއްވުމެއްގެ ތެރެއިން ވަޅިއަކުން ހަމަލާދޭނެ މީހަކު ހޯދުން ފަދަ ކަންކަން ހިމެނެއެވެ. މި އިންޒާރުތައް އިސްރާއީލުން ދޭން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހު ހިނގި 12 ދުވަހުގެ ހަނގުރާމައަށް ތައްޔާރުވަމުންދިޔަ ދުވަސްވަރުގައެވެ. އަދި ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް ހަނގުރާމައަށް ދިއުމަށް އެމެރިކާއިން ނިންމި ނިންމުމުގެ ކުރިން މިއިންޒާރުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް މަސްދަރުތަކުން ބުނެއެވެ.
ޖުލައި މަހު އަންކާރާގައި ބޭއްވި ނޭޓޯ ސަމިޓަށް އެއާ ފޯސް ވަންގައި ރައީސް ޓްރަމްޕް ދަތުރުކުރައްވަނިކޮށް، ކޮނޑަށް ލައިގެން ފޮނުވާލާ މިސައިލަކުން ހަމަލާދީ އޭނާ އަވަހާރަކޮށްލަން އީރާނުން މަސައްކަތްކޮށްފާނެ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އިސްރާއީލުން ވަނީ ވައިޓް ހައުސްއާ ހިއްސާކޮށްފައެވެ. ނަމަވެސް، ތުރުކީގެ އިންޓެލިޖެންސް އެޖެންސީތަކަށް ޓްރަމްޕްގެ ފުރާނައަށް ނުރައްކަލެއް އޮތް ކަމަށް އިސްރާއީލުން ކުރި ދައުވާއަށް ބާރުދޭ އެއްވެސް ހެެއްދެއް ލިބިފައިނުވާ ކަމަށް ތުރުކީގެ އޮފިޝަލަކު ވަނީ ބުނެފައެވެ.
ވަނަ އަހަރު އީރާނުގެ އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލުހިފުމުގެ ގޮތުން، އީރާނުން ރައީސް ޑޮނަލްޑް ޓްރަމްޕަށް ހަމަލާދޭން ބޭނުންވެދާނެ ކަމަށް އެމެރިކާގެ އިންޓެލިޖެންސް އެޖެންސީތަކުން މާކުރިއްސުރެ ވަނީ އަންދާޒާކޮށްފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުގެ އިންޓެލިޖެންސުން އެމެރިކާއަށް ހިއްސާކޮށްފައިވާ، ޓްރަމްޕްގެ ފުރާނައަށް ހުރި ޚާއްޞަ ނުރައްކާތަކާއި ރޭވުންތަކުގެ ސަހައްތުކަން ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ) އަށް އަމިއްލައަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
މި މައުލޫމާތުތައް ކަށަވަރު ނުކުރެވުނު ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވައިޓް ހައުސްގެ އޮފިޝަލުންނާއި ސީކްރެޓް ސަރވިސްއިން ވަނީ އެ ނުރައްކާތަކުން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި، އެގައުމުން ފުރާވަޑައިގަތުމަށްޓަކައި ޓްރަމްޕް އެއާ ފޯސް ވަންއިން އެހެން މަތިންދާބޯޓަކަށް ބަދަލުކުރުމުގެ ޚާއްޞަ އޮޅުވާލުމުގެ އޮޕަރޭޝަނެއް ހިންގުން ހިމެނެއެވެ. މި ހާދިސާއިން އެނގިގެންދަނީ އީރާނުގެ ނުރައްކަލާ މެދު އެމެރިކާއާއި އިސްރާއީލުގެ އިންޓެލިޖެންސް ވަޒަންކުރުންތަކުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް ހުރި ދަނޑިވަޅެއްގައި، އިސްރާއީލުގެ އިންޓެލިޖެންސުން އީރާނާ މެދު ޓްރަމްޕްގެ ސަރުކާރުން ނިންމާ ނިންމުންތަކަށް ނުފޫޒު ފޯރުވަމުންދާ މިންވަރެވެ.



