އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ ހުޅަނގު ކަރައިގެ ކުސްރާ އަވަށުގައި ތިބި ފަލަސްތީނުގެ ތިން އާއިލާއަކާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން އިސްރާއީލުގެ ވަޒަންވެރިން ހިންގި ހިސާރުގެ އަމަލު ކުށްވެރިކުރައްވައި، އެއީ "ޓެރަރިޒަމް" ގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އިސްރާއީލަށާއި ހުޅަނގު ކަރައިގައި އިސްރާއީލުގެ ވަޒަންވެރި އާބާދީތަކަށް ބޮޑު ތާއީދެއް ކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ހަކަބީ ވަނީ ވަޒަންވެރިންގެ މި އަމަލަކީ ތާކުންތާކުނުޖެހޭ އަދި އެއްވެސް އަސާސެއް،ފައިދާއެއް ނެތް އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި ހާދިސާ ހިންގާފައިވަނީ ނާބުލުސް ކައިރީގައިވާ ކުސްރާގައެވެ. އެތަނުގައި އިސްރާއީލުގެ ވަޒަންވެރިން ވަނީ ފަލަސްތީނުގެ ތިން ގެއެއް ވަށާލައި، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، އަދި އަސާސީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ހުރަސްއަޅާފައެވެ. މީގެ ތެރެއިން އެއް ގޭގައި ދިރިއުޅެނީ އެމެރިކާގެ ރައްޔިތުކަން އޮންނަ ފަލަސްތީނު އާއިލާއެކެވެ. ފަލަސްތީނުގެ ރައްޔިތުން ބުނި ގޮތުގައި ވަޒަންވެރިން ވަނީ ހިލައާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން އެ މީހުން ބިރުގަންނަވައި، އެ މީހުންގެ ބިންތައް ފޭރުމުގެ ބޭނުމުގައި ގޭގޭގެ މަގުތައް ބަންދުކޮށްފައެވެ.
"މި އާއިލާ ބިރުގަންނަވައި، ނާމާންކަން އުފެއްދުމަށްޓަކައި މި ނާތަހުޒީބު ޓެރަރިޒަމްގެ އަމަލު ހިންގި މީހުންގެ އަމަލުތަކަކީ ނުހަނު ފޫހިކަން އުފެދޭ އަމަލުތަކެއް،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަކަބީ ވިދާޅުވިއެވެ. "މިފަދަ އަމަލުތަކަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް." މީގެ އިތުރުން، އެމެރިކާ އެމްބަސީގެ އެދުމުގެ މަތިން އިސްރާއީލުގެ ސިފައިން އެ ސަރަހައްދަށް ވަދެ ވަޒަންވެރިން ބޭރުކޮށްފައިވާކަން ފާހަގަކުރައްވައި، އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އެ އަވަށަށް ވަންނަ މަންޒަރު ފެންނަ ވިޑިއޯއެއްވެސް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، އެ އަސްކަރިއްޔާގެ ސިފައިން ކުސްރާ އާއި ކައިރީގައިވާ ޖާލޫދު އަވަށުގެ ބޭރުގައި ހުރި ގާނޫނީ އިމުން ބޭރު ދެ އައުޓްޕޯސްޓް ސާފުކޮށް، ތަކެތި އަތުލައިގަނެ، އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގެ ރިޕޯޓުތައް ބުނާ ގޮތުގައި ވަޒަންވެރިން ވަނީ ކުނިބުންޏާއި ހުރަސްތައް ބޭނުންކޮށްގެން އެ ސަރަހައްދު އިތުރަށް ބަންދުކޮށްފައެވެ. އަދި އިސްރާއީލު ސިފައިންގެ ޗެކްޕޮއިންޓްތަކުގެ ސަބަބުން ބޭރުން އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅި، މުޅި މުޖުތަމައު ވަނީ ހިސާރުގެ ދަށުވެފައެވެ.
ކުސްރާގެ މަޝްރަހުން އެނގިގެންދަނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު ކަރައިގައި ވަޒަންވެރިންގެ ނުރައްކާތެރި ހަމަނުޖެހުންތައް އިތުރުވަމުންދާ ކަމެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއީލުން އާބާދުކޮށްފައިވާ 500،000 އަށްވުރެ ގިނަ އިސްރާއީލީން ދިރިއުޅެމުންދާއިރު، އެ ސަރަހައްދުގައި ގާތްގަނޑަކަށް ތިން މިލިއަން ފަލަސްތީނުން ދިރިއުޅެއެވެ. 1967 އިން ފެށިގެން ހިފާފައިވާ މި ފަސްގަނޑުގައި ވަޒަންވެރިންގެ އާބާދީ ފުޅާކުރުމަށް އަމަލީގޮތުން ބާރުއަޅާ އިސްރާއީލުގެ ކަނާތުފިޔައިގެ ސަރުކާރުގެ ދަށުން ހަމަނުޖެހުންތަކާއި ބިން ފޭރުމުގެ އަމަލުތައް ވަނީ އިތުރުވެފައެވެ.



