ސިޔާސަތު ކަނޑައަޅާ ފެންވަރުގައި އަންހެނުންގެ ޚިޔާލާއި މަޝްވަރާ ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން، "ސިޔާސަތު ކަނޑައެޅުމުގެ އަންހެނުންގެ މަންސަ" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަންސައަކީ އިޖްތިމާޢީ އަދާލަތާއި ރައްކާތެރިކަމާ ގުޅޭ ނިންމުންތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެފަދަ މަޝްވަރާތަކުން ލިބޭ ބިނާކުރަނިވި ޚިޔާލުތައް ޤައުމީ ފެންވަރުގެ ސިޔާސަތުތަކެއްގެ ގޮތުގައި ތަންފީޒުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން އެކުލަވާލާފައިވާ ނިޒާމެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ސިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުންނެވެ.
މި މަންސައިގެ މައިގަނޑު މަޤްޞަދަކީ ރަށު ފެންވަރުން ފެށިގެން އަންހެނުންގެ އަޑު އަތޮޅު، ސަރަހައްދީ އަދި ޤައުމީ ފެންވަރުގައި އިއްވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި ނިންމާ ނިންމުންތަކަކީ މިންތީގެ ހަމަހަމަކަމަށް އިސްކަންދޭ، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނޭ ނިންމުންތަކަކަށް ވެގެންދާނެއެވެ.
މި ނިޒާމުގެ ދަށުން "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ އަތޮޅު/ސިޓީ މަންސަ" ތައް ޤާއިމުކޮށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަންދޫބުން ގުޅުވައިދޭނެއެވެ. މީގެ އިތުރުން، އަތޮޅު ފެންވަރުގެ މަންދޫބުންނާއި، ސަރުކާރުގެ އިދާރާތަކާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން "އަންހެނުންގެ ސިޔާސަތު ކަނޑައެޅުމުގެ ޤައުމީ މަންސަ" އެއްވެސް އެކުލަވާލެވޭނެއެވެ.
ޤައުމީ މަންސައިގެ އެންމެ މުހިންމު ބޭނުމަކީ އަތޮޅު އަދި ސިޓީ ފެންވަރުގައި ފާހަގަކުރާ ކަންބޮޑުވުންތައް "އަހަރީ އަންހެނުންގެ ސިޔާސަތުގެ އެޖެންޑާ" އަކަށް ބަދަލުކޮށް، އެކަންކަމަށް ބޭނުންވާ ޙައްލުތައް ޤައުމީ ތަރައްޤީގެ ޕްލޭންތަކުގެ ތެރެއިން ހޯދައިދިނުމެވެ.
މި މަންސަ އިފްތިތާޙުކުރުމަށް ބޭއްވި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިންނާއި ސިޓީ ކޮމިޓީތައް ބައިވެރިކޮށްގެންނެވެ. މި ބައްދަލުވުމުގައި މިންތީގެ މަފްހޫމްތަކާއި، ކަމާގުޅޭ ޤާނޫނުތަކުގެ އިތުރުން، ޤައުމީ ފެންވަރުގައި އަންހެނުންގެ ޙާލަތާ ގުޅުންހުރި މުހިންމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ޚާއްޞަ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.



