ވިލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއަޅާ، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްއާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން ކުރިއަށްގެންދާ ހަފްތާރެސްގެ ޕްރޮގްރާމް ވޭމަންޑޫގައި ފަށައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ މި އޮގަސްޓު މަހުގެ 11 އިން 18 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގެ ގުޅުން ބަދަހިކޮށް، އެކަކު އަނެކަކަށް އިޙުތިރާމްކުރާ އަޅާލާ މުޖުމަޢުއެއް ބިނާކޮށް، މުޖުތަމަޢުގައި ހުރި އިޖްތިމާޢީ އެކިއެކި މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ހޭލުންތެރިކުރުން ކަމަށެވެ.
މި ފަހަރުގެ ޕްރޮގްރާމްގައި ތ. އަތޮޅުގެ ހަތް ރަށަކުން ޖުމުލަ 21 ބައިވެރިން ބައިވެރިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 17 ފިރިހެން ބައިވެރިންނާއި 4 އަންހެން ބައިވެރިންނެވެ.
ހަފްތާރެސްގެ މި ފަހަރުގެ ޕްރޮގްރާމްގައި ބައިވެރިން ތަމުސީލު ކުރަނީ ވޭމަންޑޫ، ކަނޑޫދޫ، ހިރިލަންދޫ، އޮމަދޫ، މަޑިފުށި، ވިލުފުށީގެ އިތުރުން ގުރައިދޫއެވެ.
މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެނީ މި މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން، ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމް، މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ވޭމްނޑޫގެ ކައުންސިލްގެ ފަރާތުންނެވެ.



