އިނގިރޭސިވިލާތަށް ރާއްޖެއިން ފޮނުވާ މަހުން ނަގަމުންދިޔަ ޓެރިފް އުވާލުމާ ގުޅިގެން، ރާއްޖޭގެ މަސް ގަންނަ ބާޒާރުގައި ވާދަވެރިކަން ބޮޑުވެގެން ގޮސްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފާހަގަކުރެއްވީ، މި ޓެރިފް ކަނޑައިލުމުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބި، މަސްވެރިންގެ އަތުން މަސް ގަންނަ އަގުތައް މަތިކުރުމުގެ ފުރުސަތު ކުންފުނިތަކަށް ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ މިފްކޯގެ އިތުރުން ހޮރައިޒަން ފިޝަރީޒް އަދި އެންސިސް ފިޝަރީޒް ފަދަ އަމިއްލަ ކުންފުނިތަކުންވެސް މިހާރު މަސްވެރިންގެ އަތުން މަސް ގަންނަނީ އެދެވޭ އަގުތަކެއްގައިކަން ފާހަގަކުރައްވައި، މިނިސްޓަރ ވިދާޅުވީ މަހުގެ ބާޒާރުގައި މިހާރު ޙަޤީޤީ ވާދަވެރިކަމެއް އުފެދިއްޖެކަން އެންމެންވެސް ޤަބޫލުކުރާ ކަމަށެވެ.



