އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެސްއެންއެސްސީ) ގެ ސެކްރެޓަރީގެ މަގާމަށް ބަދަލުތަކެއް ގެނެސް، އެގައުމުގެ ސަލާމަތާއި ޚާރިޖީ ސިޔާސަތު ކޯޑިނޭޓްކުރާ ބޮޑީގެ ސެކަންޑް އިން ކޮމާންޑަކަށް އައިއާރުޖީސީ ނުވަތަ ރިވޮލިއުޝަނަރީ ގާޑްސްގެ ކުރީގެ ކޮމާންޑަރު މޮހްސެން ރަޒާއީ އައްޔަންކޮށްފިއެވެ.
އެސްއެންއެސްސީގެ ސެކްރެޓަރީގެ މަގާމަށް ރެޒާއީ އައްޔަން ކުރެއްވިކަން ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ޑެޕިއުޓީ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަންސް ވަނީ އާދިއްތަ ދުވަހުގެ ރޭ އިއުލާން ކުރައްވާފައެވެ. މި މަގާމުގައި ކުރިން ހުންނެވި މުހައްމަދު ބަޤްރު ޒޮލްޤަދްރާއާ ޚިލާފަށް ރެޒާއީއަކީ ފާޅުކަން ބޮޑު ގޮތެއްގައި އަމިއްލަ ޚިޔާލުތައް ފާޅުކުރައްވާ ބޭފުޅެކެވެ.
މިއަހަރުގެ މާޗް މަހު ޒޮލްޤަދްރު އެ މަގާމަށް އައްޔަންކުރީ ކުރިން ހުންނެވި އަލީ ލާރިޖާނީ، އެމެރިކާއާއި އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުވުމާ ގުޅިގެންނެވެ. މި މަގާމަށް ބަދަލު ގެނެސްފައިވާ ސަބަބެއް ސަރުކާރުން ހާމަކޮށްފައި ނުވާއިރު، މީގެ ސަބަބުން އީރާނުގެ ސިޔާސަތަށް ބަދަލެއް އަންނާނެ ކަމެއް އަދި ސާފެއް ނުވެއެވެ.
އިންތިޚާބުވެފައިވާ ރައީސް ރަސްމީކޮށް ރިޔާސަތު ބަލަހައްޓަވާ އެސްއެންއެސްސީއަކީ ސަލާމަތީ އަދި ޚާރިޖީ ސިޔާސަތުތައް ކޯޑިނޭޓްކުރާ މައި އިދާރާއެކެވެ. މި ކައުންސިލްގައި ދައުލަތުގެ އެންމެ މަތީ ލީޑަރުގެ މަންދޫބުންގެ އިތުރުން އަސްކަރީ، ޖާސޫސީ އަދި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.



