އަހަރު ވަންދެން ސީރިއާގައި ހިނގި ދާހިލީ ހަނގުރާމައިގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތައް ސާބިތުވުމާ ގުޅިގެން، އެގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު މަރަން ސީރިއާގެ އިންތިގާލީ ސަރުކާރުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި ހުކުމް އަސަދުގެ މައްޗަށް ކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. މިއީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސަދު ވެރިކަމުން ދުރުކުރި ފަހުން އޭނާގެ މައްޗަށް މިފަދަ ހުކުމެއް އިއްވި ފުރަތަމަ ފަހަރެވެ.
މިހާރު ފިއްލަވައިގެން ރަޝިޔާއަށް ވަޑައިގެންހުންނެވި ބައްޝާރުގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ރާވައިގެން މީހުން މެރުމާއި، ކުޑަކުދިން ގަސްދުގައި މެރުމުގެ އިތުރުން، އަނިޔާކުރުމާއި ގިނަ އަދަދެއްގެ މީހުންގެ މިނިވަންކަން ނިގުޅައިގަތުން ހިމެނެއެވެ. ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައި މިލިއަނަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނުން ގުނާލެވޭހާ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
މި މައްސަލައިގައި ބައްޝާރުގެ އިތުރުން، އޭނާގެ ކޮއްކޮ އަދި ސިފައިންގެ އެލީޓް ފޯސްގެ ވެރިޔާ މާހިރު އަސަދު ހިމެނޭހެން ސެކިއުރިޓީ އަދި އަސްކަރީ އިސް 6 މަސްއޫލުވެރިއެއްގެ މައްޗަށްވެސް ވަނީ މަރުގެ ހުކުމް އިއްވާފައެވެ.



