މިއަހަރުގެ ޔޫއެފާ ސުޕަ ކަޕް މެޗުގައި ބައްދަލުކުރާނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޕީއެސްޖީ އާއި ޔޫރޯޕާ ލީގުގެ ޗެމްޕިއަން އެސްޓަން ވިލާއެވެ. ޔޫއެފާ ސުޕަ ކަޕަކީ ޔޫރަޕުގެ ފުޓްބޯޅަ މޫސުން ހުޅުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ޗެމްޕިއަންސް ލީގާއި ޔޫރޯޕާ ލީގު ކާމިޔާބުކުރާ ދެ ޓީމުގެ މެދުގައި ކުޅެވޭ ހާއްސަ މެޗެކެވެ.
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރިއާގެ ސަލްޒްބާގްގައިވާ 30،000 މީހުންގެ ޖާގައިގެ ރެޑް ބުލް އަރީނާ (ސްޓޭޑިއަން ސަލްޒްބާގް) ގައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ. މި ސްޓޭޑިއަމަކީ މީގެ ކުރިން ޔޫރޯ 2008 ގެ މެޗުތައްވެސް ބޭއްވިފައިވާ ތަނެކެވެ.
ޔޫއެފާ ސުޕަ ކަޕް މެޗުގެ ރެފްރީކަން ކުރުމަށް، ކާފްއާއެކު މަޝްވަރާކުރުމަށްފަހު ޔޫއެފާއިން ހަމަޖައްސާފައިވަނީ 2025 ވަނަ އަހަރުގެ ކާފްގެ އެންމެ މޮޅު ފިރިހެން ރެފްރީ، ސޯމާލިއާގެ އޯމަރ އަރްތާންއެވެ. އޯމަރ އަރްތާންއަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް ރެފްރީކަން ކުރަން ހަމަޖެހުނު ރެފްރީއެކެވެ. ނަމަވެސް، ޑިޕްލޮމެޓިކް ޕާސްޕޯޓާއި ވިސާ އޮތްކަމުގައި ވީނަމަވެސް، އެމެރިކާގެ މިއާމީ ބޯޑަރު އޮފިޝަލުން ވަނީ އޭނާ އެމެރިކާއަށް އެތެރެވުން މަނާކޮށްފައެވެ.
1973 އިން ފެށިގެން ރަސްމީކޮށް ކުޅެމުންދާ މި މުބާރާތުގެ 50 މެޗުގެ ތެރެއިން 30 މެޗު ކާމިޔާބުކޮށްފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމުތަކުންނެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ 6 ފަހަރު ކަޕް ނެގި ރިއާލް މެޑްރިޑެވެ. އިނގިރޭސި ޓީމުތަކުގެ ތެރެއިން އެންމެ ކާމިޔާބީ 4 ފަހަރު ތަށި ނެގި ލިވަޕޫލް ކަމަށްވާއިރު، އަބަދީންއަކީ މި މުބާރާތް ކާމިޔާބުކުރި ސްކޮޓްލޭންޑްގެ އެކަނި ޓީމެވެ.



