ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ 55 ކައުންސިލް އިދާރާގެ ތެރެއިން ގއ. ގެމަނަފުށީ ކައުންސިލު ޢިމާރާތުގެ 65 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރި ގޮތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރް.ސީ.ސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި މިހާރު ކުރިއަށް ދަނީ ފުރާޅުގެ މަސައްކަތެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައެވެ.
ރާއްޖޭގެ ކައުންސިލް އިދާރާތައް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލް އިމާރާތެވެ.



