މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީލު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ އިތުރުން ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތާ އެއްގޮތަށް އެކަން ކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ގާނޫނީ މަރުހަލާތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
އެގޮތުން، މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނެއް ފަރުމާކޮށް މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ އިތުރުން ތަންފީޒީ މަރުހަލާގައި ކުރަންޖެހޭ އެންމެހައި ތައްޔާރީތައްވެސް ވަމުންދާ ކަމަށް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.



