2026 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ޖުލައި 31 ގެ ނިޔަލަށް ދިވެހި ފުލުހުންގެ ޚިދުމަތުން މުޅި ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144.341 ކިލޯގްރާމްގެ މަސްތުވާތަކެއްޗާއި 1،856 ފުޅި ބަނގުރާ އަތުލައިގަނެ، 1،875 މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ފާއިތުވި 7 މަސްދުވަހުގެ ތެރޭގައި ޑްރަގް އެންފޯސްމަންޓުން ކުރި މަސައްކަތްތަކުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރި ގޮތުގައި، މާލެއާއި އަތޮޅުތެރެ ހިމެނޭހެން ޖުމްލަ 1،141 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި 23،249 މީހުންނާއި 7,309 ތަން ބަލައިފާސްކޮށްފައިވެއެވެ. މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅުންހުރި 1،533 މައްސަލައެއް ތަހުގީގުކޮށް، އޭގެ ތެރެއިން 634 މައްސަލައެއްގައި ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފައެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އަތޮޅުތަކުގެ ފުލުހުން ގުޅިގެން 17 އަތޮޅެއްގައި ހިންގި 260 އިންޓެލިޖެންސް-ލެޑް އޮޕަރޭޝަނުން 298 މީހަކު ހައްޔަރުކުރިއެވެ. ވަކިން ސީދާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގުކުރި 377 މައްސަލައިގެ ތެރެއިން 256 މައްސަލައެއް ޕީޖީއަށް ފޮނުވާފައިވާއިރު، އެ ބަހާއިން އެކަނިވެސް 137 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި 845 ފުޅި ބަނގުރާ އަތުލައިގަތެވެ. މިއީ މަގުމަތީގެ އަގުން ބަލާއިރު 121.2 މިލިއަން ރުފިޔާގެ ތަކެއްޗެވެ. އަދި ޑްރަގް ޓްރެފިކިންގެ 94 މައްސަލައެއްގެ ތެރެއިން 88 އިންސައްތަ މައްސަލަ ވަނީ ދައުވާކުރަން ފޮނުވާފައެވެ.
މަސްތުވާތަކެތީގެ ނެޓްވޯކްތަކާއި އެކަމަށް ފަންޑުކުރާ ފަރާތްތައް ހޯދުމަށް ފައިސާއާ ގުޅުންހުރި 25 ތަހުގީގެއް ކުރިއަށްދާއިރު، ނެޓްވޯކްގެ ގޮތުގައި ހަރަކާތްތެރިވާ 3 މައްސަލައެއްވެސް އަންނަނީ ބަލަމުންނެވެ. ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު މުސްލިމް ފާހަގަކުރެއްވި ގޮތުގައި، ތަފާސްހިސާބުތަކުން އަދަދުތައް އިތުރުވުމަކީ ސީދާ ކުށްކުރުން އިތުރުވުން ނޫން ކަމަށާއި، އެއީ އޮޕަރޭޝަނަލް މަސައްކަތްތައް ވަގުތާއި ހާލަތަށް ބަލައި ވަރުގަދަކުރުމުގެ ނަތީޖާއެވެ.
މި މައްސަލަތަކުގައި ޝާމިލުވާ 116 ބިދޭސީއަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށް، ފަރުވާއަށް ބޭނުންވާ 37 މީހަކު ކަމާބެހޭ އިދާރާތަކަށް ވަނީ ހަވާލުކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގެ ދަށުން، މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކުރި މާލޭގެ 6 ގޭގެ ތަންތަން (މ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މ. ސެވަން އެންޑް ހައުސް، މ. ކަނޑުފިނިގެ، އަދި މ. ލޭންޑްއޮފްގާޑަން) ވަނީ ބަންދުކޮށް، މޮނިޓަރ ކުރަން ފަށާފައެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރެއްވި ގޮތުގައި އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ހިންގާ އޮޕަރޭޝަންތަކާއި، ފައިސާއާ ގުޅުންހުރި ތަހުގީގުތައް ގުޅުވާލައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މި މަސައްކަތްތަކަކީ، މަސްތުވާތަކެތީގެ ނެޓްވޯކްތައް ރޫޅާލައި އެކަމުގެ އަސްލު ނައްތާލުމަށް ފުލުހުން ކަނޑައަޅާފައިވާ ސްޓްރެޓީޖިކް އަމާޒު ހާސިލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.



