ޔަމަނުގެ ޙޫތީ ހަނގުރާމަވެރިން ސަޢޫދީ އަރަބިއްޔާގެ ޖާޒާންގައި ހުންނަ އަރާމްކޯ ތެޔޮ ސާފުކުރާ ކާރުޚާނާއަށް (ރިފައިނަރީ) އަމާޒުކޮށް ނުރައްކާތެރި ޑްރޯން ޙަމަލާއެއް ދީފިއެވެ. މި ޙަމަލާއަކީ ސަޢޫދީގެ އިޤްތިޞާދީ މުހިންމު ބިނާއަކަށް ދެވުނު ޙަމަލާއެކެވެ. މި ޙަމަލާ ދީފައިވަނީ ސަޢޫދީ އަރަބިއްޔާއިން އެޤައުމުގެ ދިފާޢީ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ތުރުކީއާއި ޕާކިސްތާނާއެކު ދިފާޢީ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މި ޙަމަލާ ވަނީ ކުރިމަތިވެފައެވެ.
ސަޢޫދީ އެނަރޖީ މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، ޙަމަލާއާ ގުޅިގެން ޖާޒާން ރިފައިނަރީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކާމިޔާބުކަމާއެކު ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ދުވާލަކު 400,000 ފީފާގެ ތެޔޮ އުފައްދާ ސަޢޫދީގެ އިޤްތިޞާދީ ގޮތުން ނުހަނު މުހިންމު މަރުކަޒެކެވެ.
މި ޙަމަލާ އައިސްފައިވަނީ ސަޢޫދީ، ތުރުކީ އަދި ޕާކިސްތާނާ ދެމެދު ވެފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން، އެއް ގައުމަކަށް ދެވޭ ޙަމަލާއަކީ ތިން ގައުމަށް ދެވޭ ޙަމަލާއެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ކަނޑައަޅާފައި ވަނިކޮށެވެ. ނަމަވެސް، މި ހާދިސާއާ ގުޅިގެން އެއްބަސްވުމުގައި ބައިވެރިވާ އަނެއް ދެ ގައުމުން އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.
ރިފައިނަރީގެ އިތުރުން، ޙޫތީން ވަނީ ޔަމަނުގެ މޮޚާ ބަނދަރަށްވެސް މިސައިލާއި ޑްރޯން ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާގައި 7 މީހުން މަރުވެ، ބަނދަރުގެ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މޮޚާ ބަނދަރަކީ ބާބު އަލްމަންދަބު ކަނޑުއޮޅިއާ ކައިރީގައި އޮންނަ، ތެޔޮ ބޭރުކުރުމަށް ބޭނުންކުރާ އިޤްތިޞާދީ ގޮތުން މުހިންމު ސަރަޙައްދެކެވެ.
ޙޫތީންގެ މި އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ނުބައި އަސަރުތަކެއް ކުރަމުންދާތީ، ޔަމަނުގެ ރިޔާސީ ކައުންސިލުން ވަނީ މި ނުރައްކާ ހުއްޓުވުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން، ޚާއްޞަކޮށް އެމެރިކާއިން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ



