ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ ދާއިރާއަކުން ދެ މެންބަރުން އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން މި ނަންތައް މަޖިލީހަށް ފޮނުއްވާފައިވަނީ، އެލްޖީއޭގެ ބޯޑުގައި ހިމެނޭ ތިން މެންބަރެއްގެ ދައުރު ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަޤާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަން ކުރައްވާ މެންބަރެއްގެ ނަމެވެ.
މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި އެލްޖީއޭގެ ބޯޑަށް އައްޔަން ކުރެއްވުމަށް ރައީސް ހުށަހަޅުއްވާފައިވަނީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ބޭފުޅެއްގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ.
ރައީސް ފޮނުއްވާފައިވާ މި ދެ ނަންފުޅު ދިރާސާކުރުމަށްޓަކައި މިހާރު ވަނީ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވާފައެވެ.



