ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ، ދަފްތަރު ނަންބަރު 07 / ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ) 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
އޭނާގެ މައްޗަށް އިއްޔެ މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
ފުލުހުން ބުނީ މި މައްސަލަ އެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1 ވަނަ ދުވަހު ކަމަށާއި، މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13 ވަނަ ދުވަހު ކަމަށެވެ.
އަދި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.



