ދިރާގު ގޭމާސް ގިލްޑް އިން އިންތިޒާމުކޮށްގެން ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް، "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" މި އަހަރުވެސް ބާއްވާ ގޮތަށް ނިންމައި، މުބާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާނެކަން ދިރާގުން އިއުލާނުކޮށްފިއެވެ.
ޖުމްލަ 150,000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާ މި މުބާރާތުގެ ކޮލިފައިންގައި، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކުޅުންތެރިއަކަށްވެސް އެއްވެސް ފީއަކާ ނުލައި ބައިވެރިވެވޭނެއެވެ.
މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުރިއަށްދާ މި މުބާރާތުގައި ހިމެނޭ ގޭމްތަކަކީ:
- މޮބައިލް ލެޖެންޑްސް: ބޭންގ ބޭންގ
- ޕަބްޖީ މޮބައިލް
- ރޮކެޓް ލީގް
- އެފްސީ 26
- ޓެކެން 8
ދިރާގުން ފާހަގަކުރި ގޮތުގައި، ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭ މި މުބާރާތުގައި ފާއިތުވި އަހަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ގޭމަރުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމަށްވާ ޑީޖީޖީން އަންނަނީ ރާއްޖޭގެ އީ-ސްޕޯޓްސް އާއި ގޭމިންގ ކޮމިއުނިޓީ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



