Monday, October 12
ފަރެސްމާތޮޑާގެ ގޮނޑުދޮށުންނާއި ފަޅުރަށްތަކުން ވެލިނެގުން ހުއްޓާލުމަށް ކައުންސިލުން އިލްތިމާސްކޮށްފި

ގދ. ފަރެސްމާތޮޑާ - ފޮޓޯ: ގޫގުލް/ޓްރިޕް އެޑްވައިޒަރ

ގދ. ފަރެސްމާތޮޑާގެ ގުދުރަތީ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން، ރަށުގެ އަތިރިމަތިންނާއި ކައިރީގައިވާ ފަޅުރަށްތަކުން ވެލިނެގުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ފަހަކަށް އައިސް ރަށުގެ އަތިރިމަތިން ކަށިވެލި ނެގުމާއި، ރަށާ ކައިރީގައިވާ ފަޅުރަށްތަކުން ކަޅުވެލި ނަގަމުންދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ރަށުގެ ނާޒުކު ތިމާވެށްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަން ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން ފާހަގަކުރި ގޮތުގައި، މިގޮތަށް ވެލި ނެގުމުގެ ސަބަބުން ރަށުގެ ގޮނޑުދޮށް ނުވަތަ ރަންމަތި ގިރުމާއި، އުދައެރުން ފަދަ ތިމާވެށީގެ ނުރައްކާތަކަށް ރަށް ހުށަހެޅިގެންދެއެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކުންވެސް މަނާކޮށްފައިވާ އަމަލުތަކެއްކަން ކައުންސިލުން ހަނދާންކޮށްދީފައިވެއެވެ.

"ރަށުގެ ގުދުރަތީ ތިމާވެށި ރައްކާތެރިކޮށް ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ގައުމީ އަދި ފަރުދީ ޒިންމާއެއް،" ކައުންސިލްގެ އިޢުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ރަށުގެ ރީތިކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަތިރިމަތިންނާއި ފަޅުރަށްތަކުން ވެލިނެގުން މިހާރުން މިހާރަށް ހުއްޓާލުމަށް ކައުންސިލުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ރަށުގެ ތިމާވެށި ޙިމާޔަތްކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، އެކަމަށްޓަކައި ކައުންސިލުން ވަނީ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު