ދިވެހި ވަޠަނީ ޚިދުމަތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހަޅާފާއިވާ ފަރާތްތަކުގެ ތެރެއިން ނެޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގެ 4 ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މަރުހަލާތައް މިއަދު ފަށައިފިއެވެ.
ދިފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި ކުރީގެ ބެޗުތަކެކޭ އެއްފަދައިން މިފަހަރުވެސް ރާއްޖޭގެ 13 ސަރަޙައްދެއްގައި ބައިވެރިން ހޮވުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، އިންޓަވިއުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ނ.މަނަދޫ، ރ.އުނގޫފާރު، އދ.މަހިބަދޫ، ފ.ނިލަންދޫ، ތ.ވޭމަންޑޫ، ލ.ގަން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީ ހިމެނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ޕްރޮގްރާމަކީ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ ޤައުމީ ސިޔާސަތުގެ އެންމެ މުހިންމު އެއް ޙަރަކާތެވެ.
ދިފާޢީ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި ހަތަރު ވަނަ ބެޗަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާގައި، އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ބައިވެރިން ފުރިހަމަކުރާނެއެވެ.
19 ޖޫން 2026 ގައި ފެށުނު ދިވެހި ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރުގެ ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.



