ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލް ކުރާ ތަނެއްގެ ގޮތުގައި މީގެ ކުރިން ދެކެވުނު ނަމަވެސް، މިއަދު އެ މުއައްސަސާގެ ދައުރު މާފުޅާވެފައިވާ ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ. ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސާސެކް) ކަސްޓަމްސް ސަބް ގްރޫޕްގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރަހައްދީ ވިޔަފާރި ބައްޓަންކުރުމަށްޓަކައި ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުން އަންނަ ކަމަށެވެ. އަދި ހަމައެކަނި އުމްރާނީ ވަސީލަތްތަކުން ގުޅުންތެރިކަމެއް ނުއުފެއްދޭނެކަން ފާހަގަކުރައްވައި، ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމްސް އިދާރާތަކުން ގާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދިނުމާއެކު، ޤައުމީ އާމްދަނީ ރައްކާތެރިކޮށް، ގައިރު ގާނޫނީ ވިޔަފާރި ހުއްޓުވައި ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ. އަދި ޑިޖިޓަލް ކަސްޓަމްސް ނިޒާމުތަކާއި ނޭޝަނަލް ސިންގަލް ވިންޑޯގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވެއެވެ.



