މިދިޔަ އަހަރު ރާއްޖޭގައި 5،625 ކުދިން އުފަންވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފިރިހެން ކުދިން ކަމަށް ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ކުއާޓާލީ ވައިޓަލް ސްޓެޓިސްޓިކްސް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ތަފާސްހިސާބުތަކަށް ބަލާއިރު، އުފަންވި ކުދިންގެ ތެރޭގައި ހިމެނެނީ 2،835 ފިރިހެން ކުދިންނާއި 2،789 އަންހެން ކުދިންނެވެ.
އަހަރުގެ ކުއާޓަރުތަކަށް ބަހާލައިގެން އުފަންވި ކުދިންގެ އަދަދުތަކީ:
- ފުރަތަމަ ކުއާޓަރު: 1،427 ކުދިން (697 އަންހެން، 730 ފިރިހެން)
- ދެވަނަ ކުއާޓަރު: 1،380 ކުދިން (702 އަންހެން، 677 ފިރިހެން)
- ތިންވަނަ ކުއާޓަރު: 1،374 ކުދިން (682 އަންހެން، 692 ފިރިހެން)
- ހަތަރުވަނަ ކުއާޓަރު: 1،444 ކުދިން (708 އަންހެން، 736 ފިރިހެން)
މިދިޔަ އަހަރު އެންމެ ގިނަ ކުދިން އުފަންވެފައިވަނީ ޑިސެމްބަރު މަހު 545 ކުދިން އެވެ. ދެން އެންމެ ގިނައިން ކުދިން އުފަންވީ ޖުލައި މަހު 506 ކުދިން އަދި މާރިޗު މަހު 504 ކުދިން އެވެ. އެންމެ މަދުން ކުދިން އުފަންވެފައިވަނީ ސެޕްޓެމްބަރ މަހު 421 ކުދިން އެވެ.
މީގެއިތުރުން، ދަރިން ހޯދި އަންހެނުންގެ އުމުރުފުރައަށް ބަލާއިރު އެންމެ ގިނައީ 30 އަހަރާއި 34 އަހަރާ ދެމެދުގެ އަންހެނުންނެވެ. އެ އުމުރުފުރައިގެ 1،794 އަންހެނުން ދަރިން ހޯދާފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ދަރިން ހޯދާފައިވަނީ 25 އަހަރާއި 29 އަހަރާ ދެމެދުގެ އަންހެނުން 1،561 މީހުންނެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ހެދި ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ އާބާދީއަކީ 515,132 އެވެ. އޭގެ ތެރެއިން ދިވެހިންގެ އާބާދީއަކީ 382,639 ކަމަށްވާއިރު އެއީ194,562 އަންހެނުން އަދި 188,077 ފިރިހެނުންނެވެ. ދިވެހިންގެ ތެރޭގައި ނިސްބަތުން ގިނައީ އަންހެނުންނެވެ.



