"ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތަށް ތައްޔާރުވުމަށާއި ފެތުންތެރިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމުގެ ގޮތުން "ކްލީން އަޕް އެންޑް ސޯޝަލް ސްވިމް" ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ މި އޮގަސްޓު މަހުގެ 8 އަދި 15 ވަނަ ދުވަހު ރަސްފަންނުގައެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މި ދެ ދުވަހުގެ ހަރަކާތްތައްވެސް ފެށޭނީ ގޮނޑުދޮށް ސާފުކުރުމުންނެވެ. އޭގެފަހުން ބައިވެރިން އެކުގައި މޫދަށް އެރި ފެތުމުގެ ހަރަކާތެއް ކުރިއަށްދާނެއެވެ. މިއީ ފެތުންތެރިންނާއި، އާއިލާތަކުގެ އިތުރުން ރައްޓެހިން އެކުގައި ބައްދަލުވެ، ގުޅުން ބަދަހިކޮށްލުމުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން ރޭވިގެންދާ ހަރަކާތެކެވެ.
ސްވިމް މޯލްޑިވްސްއިން އިންތިޒާމުކުރާ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 21 އަދި 22 ގައި ރަސްފަންނުގައެވެ.
ވީހާވެސް ގިނަ ފެތުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ. އެއާއެކު، މުބާރާތުގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރުގެ އިތުރުން މި އަހަރު މުޅިން އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރެޖިސްޓަރ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމަށާއި، އިޖުތިމާއީ ގުޅުންތައް ވަރުގަދަކުރުމަށް އެހީތެރިވެދޭ މިފަދަ ގިނަ ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުން ދެމުންނެވެ.



