އިގުތިސާދީ އަދި އެހެނިހެން ބޭނުންތަކަށް ކުރު މުއްދަތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ބަޔާންކޮށް "ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ގަވާއިދު" ހައުސިން މިނިސްޓްރީން މިއަދު ވަނީ އާންމުކޮށްފައެވެ.
މި ގަވާއިދުގައިވާ ގޮތުން، މަސްހިއްކުމާއި، ލޮނުއެޅުމާއި، ހުއިފިލަނޑާގެ މަސައްކަތްތައް ކުރުމާއި، ދަނޑުވެރިކަމާއި، ޖަނަވާރު ގެންގުޅުމުގެ އިތުރުން ބިން ސާފުކޮށް ބެލެހެއްޓުމަށް ތިން އަހަރު ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ބިން ދޫކުރާއިރު ބީލަން އުސޫލަށް ނުފެތޭ ގޮތަށް ބިން ދޫކުރެވިދާނެއެވެ. އަދި އެކަކަށް ވުރެ ދިގު ނޫން މުއްދަތަކަށް ގާޑިޔާ ވިޔަފާރި ކުރުމަށް ބިން ދޫކުރުމުގައިވެސް މި އުސޫލަށް އަމަލުކުރެވިދާނެއެވެ.
ކައުންސިލްތަކުން މިފަދަ ބޭނުންތަކަށް ބިން ދޫކުރާއިރު ކުލި ނަގަންޖެހޭއިރު، ބިން ދޫކުރުމަށް ކުރާ އިއުލާނުގައި ބިމުގެ މައުލޫމާތާއި، ކުރެވޭނެ ބޭނުން، ދޫކުރާ މުއްދަތު، ޕޮއިންޓް ދޭނެ އުސޫލު، އެންމެ ކުޑަ ކުލި އަދި ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް ސާފުކޮށް ހިމަނަންޖެހެއެވެ.
މީގެއިތުރުން، ދައުލަތުގެ އިދާރާތަކާއި، އިޖުތިމާއީ ބޭނުންތަކަށް، އާންމު ހިދުމަތްތައް ދިނުމަށް، އޮޑިދޯނިފަހަރު ބަނުމާއި މަރާމާތު ކުރުމަށް އޮޑިވަޅު ހެދުމަށް، އަދި ބޭރު ޤައުމުތަކުގެ އެމްބަސީތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ދައުލަތުގެ އިދާރާއަކާ ގުޅިގެން ބިން ދޫކުރާއިރު އާންމުކޮށް އިއުލާނުކުރާކަށް ނުޖެހޭނެއެވެ. މި ގަވާއިދުގައި ކައުންސިލްތަކާއި، ދައުލަތުގެ އިދާރާތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބިން ދޫކުރާނެ ތަފްސީލީ އުސޫލުތައްވެސް ވަނީ ހިމަނާފައެވެ.



