ރާއްޖޭގެ ރުއްތަކަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ޕެސްޓްތައް، ޚާއްޞަކޮށް ކުދި ރުކުމަޑި (ކޮކޮނަޓް ހިސްޕިޑް ބީޓްލް) ކޮންޓްރޯލް ކުރުމަށްޓަކައި ޤުދުރަތީ ގޮތުން އެފަދަ ސޫފިތަކަށް ހަމަލާދޭ ފަނިފަކުސަ އާލާކުރާ މަރުކަޒެއް ހދ. ހަނިމާދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.
'ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިން ސެންޓަރު' ގެ ނަމުގައި ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކުރި މި މަރުކަޒު ހުޅުވައިދެއްވީ ވަޒީރު އަޙްމަދު ޝިޔާމް ކަމަށެވެ. މި ރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންގެ އިތުރުން އެ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިއީ ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހުޅުވުނު ސެންޓަރެކެވެ. މި މަޝްރޫޢުގެ ދަށުން "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި، ރާއްޖޭގެ ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2024 ގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ތިމާވެއްޓާ ރައްޓެހި ގޮތްތައް ބޭނުންކޮށްގެން ރުއްތަކަށް ޖެހޭ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން، ޕެސްޓަށް ޙަމަލާދޭ ސޫފާސޫފި (ބަޔޮލޮޖިކަލް ކޮންޓްރޯލް އޭޖެންޓްސް) އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތް މި ސެންޓަރުން ކުރާނެއެވެ. މި މަރުކަޒަކީ ދުވާލެއްގެ މައްޗަށް އެއްލައްކަ ޕެރެސިޓޮއިޑް އާލާކުރުމުގެ ޤާބިލުކަން ލިބިގެންވާ ތަނެކެވެ.
ކޮކޮނަޓް ހިސްޕިޑް ބީޓްލް ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ފެނިފައިވަނީ 1999 ވަނަ އަހަރުގެ ޑިސެންބަރު މަހު އަރިއަތޮޅު ސަން އައިލެންޑް ރިސޯޓުންނެވެ. 2000 ވަނަ އަހަރުން ފެށިގެން މި ޕެސްޓް ނައްތާލުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 2003 ވަނަ އަހަރު އދ. ގެ އެފް.އޭ.އޯ އާ ގުޅިގެން ޚާއްޞަ މަޝްރޫޢެއް ފަށައި، ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، ކަރަންޓީން މިންގަނޑުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ.
ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއެކުވެސް، ރުއްތަކަށް ޖެހޭ މިފަދަ ބަލިތައް ކޮންޓްރޯލްކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރުމާއެކު، އަލަށް ހުޅުވުނު މި ސެންޓަރުގެ ސަބަބުން މިފަދަ ބަލިތައް ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން އުންމީދު ކުރެއެވެ.



