ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިހާނުގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ 40 މީހުން ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ.
ބާ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ސެޕްޓެންބަރު 2026 ގައެވެ. މި މަސައްކަތަށް ހޮވޭ ފަރާތްތަކަށް އުޖޫރައިގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް 300 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި، އިމްތިޙާނު އޮންނަ ދުވަހުގެ ހުރިހާ ދަންފަޅިއަކަށް ހާޒިރުވެވޭނެ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އިމްތިޙާނު ހޯލުގެ އިންސާފުވެރިކަން ދެމެހެއްޓުމަށްޓަކައި، ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުންނާއި، ބާ އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން ނުވަތަ ކެންޑިޑޭޓުންނަށް ކިޔަވައިދޭ މުދައްރިސުންނަށް މި ފުރުޞަތެއް ނޯންނާނެއެވެ. އަދި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ ގާތް ތިމާގެ މީހަކަށްވެސް އިންވިޖިލޭޓަރެއްގެ ގޮތުގައި މަސައްކަތެއް ނުކުރެވޭނެއެވެ.
އިންވިޖިލޭޓަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އިމްތިޙާނު އޮންނަ ގަޑިތަކުގައި ހޯލު ބެލެހެއްޓުމާއި، ކައުންސިލުން އަންގާ ގޮތެއްގެ މަތިން އިމްތިޙާނާ ގުޅޭ އެންމެހައި ކަންކަން ފުރިހަމަކުރުމެވެ.
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 15:00 ގެ ކުރިން އޮންލައިން ފޯމު މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.



