އއ. އުކުޅަހުގައި 50 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިނިސްޓަރުގެ އަރިހުގައި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ، އިބްރާހިމް އަޒީމް ބައިވެރިވެވަޑައިގެންނެވިއެވެ.
އަލްޓެކް މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 6 ނޮވެމްބަރު 2025 ގައެވެ. މި މަޝްރޫޢަކީ ޖުމްލަ 600 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ 50 ހައުސިންގ ޔުނިޓެވެ.



