ފިލިޕީންސްގެ މެނިލާގައި 2026 އޮގަސްޓް 03 އިން 04 އަށް ކުރިއަށްދިޔަ "ޔުނައިޓް ގްލޯބަލް ސަމިޓް 2026" ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ސަމިޓުގައި ރާއްޖޭގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ އަލީއެވެ. މިނިސްޓަރުގެ އަރިހުގައި އެ ވުޒާރާގެ ސީނިއަރ އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޔުނައިޓް ގްލޯބަލް ސަމިޓަކީ ދުނިޔޭގެ ޞިއްޙީ ދާއިރާގެ ވެރިންނާއި މަޖިލިސް މެންބަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ އިސް އެއް ފޯރަމެވެ. ކެނެޑާގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ރިސާޗް ސެންޓަރު (އައިޑީއާރުސީ) އާ ގުޅިގެން ބޭއްވި މި ސަމިޓުގެ ފަސްވަނަ ބައްދަލުވުމުގެ މައިގަނޑު މައުޟޫޢަކީ "ޞިއްޙީ ފަރަގު ކުޑަކުރުން: އިންވެސްޓްކުރުމަށް ސިޔާސީ ހިތްވަރު" މިއެވެ. މި ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞިއްޙީ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުގެ މައްޗަށެވެ.
ސަމިޓުގެ ތެރެއިން މިނިސްޓަރ ޤީލާ އަލީ ވަނީ މުހިންމު ދެ ސެޝަނެއްގައި ރާއްޖޭގެ ބަޔާންތައް ދެއްވާފައެވެ. އެގޮތުން ގްލޯބަލް ލީޑަރޝިޕް ޑައިލޮގް އޮން ސަސްޓެއިނަބަލް ހެލްތު ފައިނޭންސިންގ އަދި ސަސްޓެއިނަބަލް ފައިނޭންސިންގ ފޮރ ޓޮބޭކޯ ކޮންޓްރޯލް، މި ދެ ދާއިރާއިން ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކާއި ތަސައްވުރު މިނިސްޓަރ ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި ދަތުރުފުޅުގައި ފިލިޕީންސްގެ ސަރުކާރުގެ އިސްވެރިންނާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ ބޭފުޅުންނާ މިނިސްޓަރ ވަނީ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ހެލްތުގެ އެސިސްޓަންޓް ސެކްރެޓަރީ މޭލިން ބެލްޓްރަން އާއި، ކޮމިޝަން އޮން ހަޔަރ އެޑިއުކޭޝަންގެ ކޮމިޝަނަރ ޑރ. ޝާލީ ކަސްޓެނެޑާ އަގްރުޕިސް ހިމެނިވަޑައިގަންނަވައެވެ.
ހަމައެއާއެކު، ޕެންޑެމިކް ފަންޑުގެ އެގްޒެކެޓިވް ހެޑް ޕްރިޔާ ބާސޫ އާއި ޔުނައިޓްގެ ރައީސް ޑރ. ރިކާޑޯ ބަޕްޓިސްޓާ ލެއިޓޭއާ ބައްދަލުކުރައްވައި، ރާއްޖެއިން ޕެންޑެމިކްތަކަށް ތައްޔާރުވުމަށް ދޭ އިސްކަން މިނިސްޓަރ ތަކުރާރުކުރެއްވިއެވެ. މި ދަތުރުފުޅުގައި ފިލިޕީންސްގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، އެ ދަރިވަރުންނަށް ހުރި ދަތިތައް އޮޅުންފިލުއްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި މެނިލާގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް، މިސްޓަރ ބެނިޓޯ ސީ. ބެންގްޒޮން ޖޫނިއަރ އާވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.
މި ސަމިޓުން މައިގަނޑު ގޮތެއްގައި ބާރުއަޅާފައިވަނީ ސިއްހީ ދާއިރާއަށް ސިޔާސީ އިސްވެރިން އިސްކަންދިނުމަށާއި، އެއްވެސް މީހަކު ބާކީނުކޮށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް އެންމެންނަށް ފޯރުކޮށްދިނުމަށެވެ.



