މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ މޯލްޑިވްސް މެރިން ސައިންސް ސިމްޕޯސިއަމްގެ ސިލްސިލާގެ ހަވަނަ ސިމްޕޯސިއަމް، މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ސިމްޕޯސިއަމް ކުރިއަށް ދާނީ މި މަހު 4 އިން 5 އަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އޯޑިޓޯރިއަމްގައެވެ.
މި ސިމްޕޯޒިއަމް ސިލްސިލާގެ ބޭނުމަކީ ދިވެހި ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި ދިރުންތަކާއި ގުޅޭގޮތުން ކުރެވެމުންދާ ދިރާސަތަކާއި އެ ދިރާސާތަކުގެ ނަތީޖާތައް އާއްމުންނާއި ހިއްސާކޮށް މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް ރާއްޖޭގައި މެރިން ސައިންސް ގެ ދާއިރާ ކުރިއެރުވުމެވެ. މެރިން ސައިންސް ސިމްޕޯޒިއަމް އަކީ މި ދާއިރާއިން ރާއްޖޭގައި ބާއްވާ މިފަދަ ހަމައެކަނި ބައްދަލުވުމެވެ.
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގެންދާ މިސިމްޕޯސިއަމްގެ އަމާޒަކީ، ރާއްޖޭގެ ކަނޑުތަކުގައި ކުރާ ތަފާތު ދިރާސާތައް އެއް ތަނެއްގައި ހިއްސާކޮށް މަޝްވަރާ ކުރުމަށް މަގުފަހިކޮށްދިނުމެވެ.
ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދިން ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ މިސިމްޕޯސިއަމްގައި މިއަހަރު ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުމްލަ 47 ދިރާސާއެވެ. މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަރ ޕްރެޒެންޓޭޝަން ހިމެނެއެވެ. މި ފިހަރުގެ ސިމްޕޯޒިއަމްއަށް ހުށަހެޅިފައިވާ ކަރުދާސްތައް މައިގަނޑުގޮތެއްގައި ބެހިގެން ދަނީ ފަސް ދާއިރާއަކަށެވެ. އެއީ 'ކޮރަލް ރީފްސް، ރެސްޓޯރޭޝަން އެންޑް ކްލައިމެޓް ޗޭންޖް'، 'ފިޝަރީޒް، ގަވަރނަންސް އެން ސޮސައިޓީ'، 'ސީ ޓާޓަލްސް އިކޮލޮޖީ، 'ހެލްތް އެންޑް ކޮންޒަރވޭޝަން'، 'ޝާކްސް، ރޭސް އެންޑް އަދަރ މެރިން މެގަފައުނާ'، އަދި 'ކޯސްޓަލް އިކޯސިސްޓަމްސް އެންޑް ސީބާރޑްސް' އެވެ.
މި ސިމްޕޯސިއަމްގައި ދިވެހިރާއްޖޭގައި ކަނޑުތަކުގެ ދިރާސާތައް ކުރުމުގައި ހަރަކާތްތެރިވާ ޖަމްއިއްޔާތަކާއި، ޔުނިވަރސިޓީތަކުން ކޮށްފައިވާ ދިރާސާތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
ސިމްޕޯސިއަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމްއެވެ.



