މައިންގެ ޗުއްޓީއާއި ގާތުން ދިނުމަށް ދޭ ވަގުތު ހިމެނޭހެން، ސަރުކާރުން ފަހިކޮށްދީފައިވާ ހައްގުތަކާއި އިނާޔަތްތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާއާ ގުޅިގެން މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މައިން ދަރިންނަށްޓަކައި ވާ ގުރުބާނީއަކީ މައިވަންތަކަމުގެ ލޯބީގެ އިންތިހާ މިސާލެއް ކަމަށެވެ. ކުއްޖާއަށް ގާތުން ކިރުދިނުމަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، މުޅި އުމުރަށް ދެމިގެންދާ ފަދަ ދުޅަހެޔޮ ގުޅުމެއްގެ ބިންގާ އެޅިގެންދާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅާއެކު ވަގުތު ހޭދަކޮށް ގާތުން ކިރު ދިނުމަށް ދެވޭ ފުރުސަތު ވަނީ ދެ އަހަރަށް އިތުރުކޮށްދީފައެވެ. މީގެއިތުރުން މުސާރަ ލިބޭ ގޮތަށް ދެވޭ މައިންގެ ޗުއްޓީ ރައްކާތެރިކުރުމާއި، މައިންނާއި ޅަދަރިންގެ ސިއްހީ ކަންކަން ފުޅާކުރުމުގައި ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް އެކަމަނާ ބަޔާންކުރެއްވިއެވެ.
އެކަމަނާ އިތުރަށް ވިދާޅުވީ، ދަރިންގެ ދިރިއުޅުމަށް އެންމެ ދުޅަހެޔޮ ފެށުމެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ދީފައިވާ ޗުއްޓީއާއި އިނާޔަތްތަކުގެ ބޭނުން ހިފުމަކީ ބޭނުންތެރި ކަމެއް ކަމަށާއި، މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން މުޅި މުޖުތަމައުގެވެސް ޒިންމާއެއް ކަމަށެވެ.
މިއަހަރުގެ ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ދިރިއުޅުމެއް ފެށުމަށް ގާތުން ކިރު ދިނުން: ނަތީޖާ ނެރެވޭ ކަންކަން ހަރުދަނާ ކުރުން" މީގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ޝިއާރާ އެއްގޮތަށް އަމަލުކުރުމަށް އަޒުމު ކަނޑައެޅުމަށް މެޑަމް ސާޖިދާ ވަނީ އިލްތިމާސްކުރައްވާފައެވެ.



