ނިމިދިޔަ ޖުލައި މަހު މަސްވެރިންނަށް 49.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖޫން މަހާ އަޅާބަލާއިރު ޖުލައި މަހު މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ މިންވަރުގެ އިތުރުން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެގޮތުން ޖުލައި މަހު 822 ދޯންޏަކުން މިފްކޯއަށް މަސް ކިރުވާފައިވާއިރު، މިއީ ޖޫން މަހު މަސް ކިރުވި 517 ދޯންޏާ އަޅާބަލާއިރު 59 އިންސައްތައިގެ އިތުރުވުމެކެވެ. މަސް ކިރުވި މިންވަރަށް ބަލާއިރު، ޖޫން މަހު ކިރުވި 568 ޓަނުގެ މަހުގެ ބަދަލުގައި ޖުލައި މަހު ވަނީ 2،474 ޓަނުގެ މަސް ކިރުވާފައެވެ. މިއީ 335.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު މަސްވެރިންނަށް ދޫކުރި ފައިސާ 11.3 މިލިއަން ރުފިޔާއިން 49.7 މިލިއަން ރުފިޔާއަށް އިތުރުވެ، 339 އިންސައްތައިގެ ބޮޑު އިތުރުވުމެއް ވަނީ އައިސްފައެވެ.
ޖުލައި މަހު ކިރުވި މަހުގެ ތަފުސީލު:
- ކަޅުބިލަމަސް: 539 ދޯނިން 2،400 ޓަނު (ޖުމްލަ 47.9 މިލިއަން ރުފިޔާ)
- ކަންނެލި (10 ކިލޯއިން މަތި): 98 ދޯނިން 11.7 ޓަނު (ޖުމްލަ 234،100 ރުފިޔާ)
- ކަންނެލި (15 ކިލޯއިން މަތި): 185 ދޯނިން 62.7 ޓަނު (ޖުމްލަ 1.5 މިލިއަން ރުފިޔާ)
ކުރިން މަސްވެރިން ކިރުވާ މަހަށް ފައިސާ ދިނުމުގައި ލަސްތަކެއް ދިމާވި ނަމަވެސް، މިހާރު 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންދާކަން މިފްކޯއިން ފާހަގަކުރެއެވެ. މީގެއިތުރުން މަސް ގަންނަ އަގަށް ހެޔޮ ބަދަލުތަކެއް ގެނެސް، ރާއްޖޭގެ ހުރިހާ ސަރަހައްދަކުން މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމުތައް ދަނީ ހަމަޖައްސަމުންނެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، އެއީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ އެއް ދާއިރާއަށް ހެދުމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މުހިންމު އަމާޒެކެވެ.



