ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރެކޯޑް މިންވަރަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައި، އެއާޕޯޓުގެ ތާރީޚުގައި ނުދެކޭފަދަ ބޮޑު ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
ވީއައިއޭ އިން ހާމަކުރި ގޮތުގައި، ހުސްވި ޖުލައި މަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު ވަނީ 2،000 ޓަނަށްވުރެ އިތުރުވެފައެވެ. ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތައް މެދުވެރިކޮށް ހާސިލުކުރި މި ކާމިޔާބީއާއެކު، ވީއައިއޭގެ ކުރީގެ ހުރިހާ ރެކޯޑުތަކެއް ވަނީ މުގުރާލެވިފައެވެ. މިއީ އެއް މަސްދުވަހުގެ ތެރޭގައި އެއާޕޯޓު މެދުވެރިކޮށް މިހާ ގިނަ މުދާ ބޭރުކުރި ފުރަތަމަ ފަހަރެވެ.
މި ކުރިއެރުމުގެ ތެރެއިން، ވީއައިއޭ އިން ވަނީ ކެމްބޯޑިއާއިން ފުރަތަމަ ފަހަރަށް ގެނައި ސީ-ޓު-އެއަރ ޓްރާންޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ހޭންޑްލްކޮށްފައެވެ. މިއީ ސައުތުއީސްޓް އޭޝިއާ އަށް ރާއްޖޭގެ ސީ-ޓު-އެއަރ ނެޓްވޯކް ފުޅާވެގެންދިޔަ މުހިންމު ފާހަގައެކެވެ. ސީއީއެފް ލޮޖިސްޓިކްސްއިން ކޯޑިނޭޓްކޮށް، ކެތަރ އެއާވޭސްއާ ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތާއެކު، އެންމެ ދުވަހެއްގެ ތެރޭގައި 114 ޓަނުގެ ޓްރާންޝިޕްމަންޓް ކާގޯ އެކްސްޕޯޓްކޮށް އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.
ވަކިން ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރުވެސް، އެ ޚިދުމަތް ތައާރަފުކުރި ފަހުން އެންމެ ގިނަ މުދާ އުފުލާފައިވަނީ ޖުލައި މަހުއެވެ. އެގޮތުން އެ މުއްދަތުގައި ސީ-ޓު-އެއަރ މެދުވެރިކޮށް އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފައެވެ. މީގެއިތުރުން، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވީއައިއޭ މެދުވެރިކޮށް އުފުލި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ މިންވަރު ވަނީ 7،000 ޓަނަށްވުރެ މައްޗަށް ޖެހިލާފައެވެ.
ވީއައިއޭ އިން ފާހަގަކުރި ގޮތުގައި، މި ރެކޯޑުތަކުން އަންގައިދެނީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާޒާރުތައް ގުޅުވައިދޭ، އިންޑިއާ ކަނޑުގެ މުހިންމު އަދި އިތުބާރު ހުރި ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ވީއައިއޭ ހަލުވިކަމާއެކު ކުރިއަރަމުންދާ ކަމެވެ.



