ބާޖަކުން ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
އެޗްޑީސީން ހާމަކުރެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަން ބާޖަކުން ޖެޓީގައި ޖެހުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި ލަކުޑި ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ޖެޓީ ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޗްޑީސީން ވަނީ އުތުރު ފާލަން ވަގުތީގޮތުން ބަންދުކޮށްފައެވެ.
އަދި މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމައި، އަލުން ޚިދުމަތަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މަރާމާތަށް ޖެޓީ ބަންދުކުރުމާ ގުޅިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ.



