މާލޭގެ އަމީނީމަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާތީ އެ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
ފުލުހުންގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި 2026 އޮގަސްޓް 2 ވަނަ ދުވަހުގެ ރޭ މެންދަމު 00:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން އެ ވަގުތުން ފެށިގެން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެއެވެ.
މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން އެ ސަރަހައްދުން ނެންގެވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ކަނޑައަޅާފައިވާ ޗާޓާ އެއްގޮތަށް އުޅަނދުތައް ދުއްވުމަށްވެސް ވަނީ އެދިފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މަގު ބަންދުކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.



