ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދައަށް ރުޖޫޢަ ނުވެ، ކިތަންމެ ބޮޑު އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއެއް ހޯދިކަމުގައި ވިޔަސް ޙަޤީޤީ މިނިވަންކަމެއް ނުލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީ.އެސް.އެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ދިވެހީންގެ ތެރޭގައި އޮތް ރީތި އަދަބު އަޚްލާޤު ހަލާކުވެގެން ދިޔައީ ސިޔާސީ ބޭނުމަކަށްޓަކައި އިދިކޮޅު ފަރާތްތަކުން ރޭވުންތެރިކަމާއެކު ކުރި މަސައްކަތުންނެވެ. ނަމަވެސް، އެކަން އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން އިޙްތިރާމްކުރުމުގެ ޤައުމީ ބޮޑު ކެމްޕޭނެއް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ވަޠަނީ ޚިދުމަތާއި، ޢިލްމީ އަދި ވޮކޭޝަނަލް ދާއިރާތަކުން ފުރުޞަތުތައް ފަހިކޮށްދެމުންދާކަމަށާއި، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޒުވާނުންގެ މަޖިލީސް ހިމެނޭހެން ލަފާއރުވާ މަޖިލީސްތައް އެކުލަވާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް ކުރިއަށްގެންދާ "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން މަޝްރޫޢުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ބައިވެރިވާންޖެހޭނެކަން ފާހަގަކުރައްވަމުން، ރައީސް ވަނީ ޕީ.އެން.ސީގެ އެތެރޭގެ އިންތިޚާބަށާއި އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ ކޮންގްރެސްއަށް އަލިއަޅުއްވާލައްވާ، އެއީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަން ސާބިތުވެގެންދާނެ ކަމެއްކަމުގެ ޔަޤީންކަން ދެއްވާފައެވެ.



