މާލޭގެ ބޮޑުތަކުރުފާނު މަގުގައި އަލަށް ތާރުއެޅި ސަރަހައްދުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން އެމްޓީސީސީން ބުނީ، އެއީ ފެންހިންދުމަށް ބޭނުންކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް މުޅިން ނުނިމޭތީ ދިމާވާ ކަމެއް ކަމަށެވެ.
ރައީސް އޮފީހުން ފެށިގެން ފެރީ ޓާމިނަލާ ދެމެދު ސަރަހައްދު އާންމުންނަށް ހުޅުވާލި ނަމަވެސް، އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕު ސްޓޭޝަން ހަރުކޮށް، ޓެސްޓުކުރުމުގެ މަސައްކަތް އަންނަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
އެމްޓީސީސީން ބުނެފައިވަނީ، ޕަމްޕްތަކުގެ މަސައްކަތް ނިމެންދެން ވިއްސާރައިގައި ފެންބޮޑުވާ ހާލަތްތަކުގައި، ވަގުތީ ގޮތުން ފެންހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށްގެންދާނެ ކަމަށެވެ.
144 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ބޮޑުތަކުރުފާނު މަގު ފުޅާކޮށް، ފެންހިންދާ ނިޒާމު ހިމެނޭހެން ތަރައްގީކުރުމަށް މިދިޔަ އަހަރުގެ އޯގަސްޓު މަހު އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއެކެވެ.



