ވޯލްޑް ކަޕް ފައިނަލް މެޗަށްފަހު ހިންގި ހަމަނުޖެހުންތަކާއި، ސެމީ ފައިނަލުގައި ސިޔާސީ ބެނާއެއް ބޭނުންކުރި މައްސަލައިގައި ފީފާއިން އާޖެންޓީނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ. މި މައްސަލަތަކުގެ ތެރޭގައި ކުޅުންތެރިންނާއި ކޯޗުންގެ އަޚްލާޤީ މައްސަލަތަކުގެ އިތުރުން، ސަޕޯޓަރުންގެ ނޭދެވޭ އަމަލުތައްވެސް ހިމެނޭ ކަމަށް ފީފާއިން ހާމަކުރެއެވެ.
މި މައްސަލައިގައި އާޖެންޓީނާގެ ގިނަ ކުޅުންތެރިންތަކަކަށާއި ކޯޗިން ސްޓާފުންނަށް ވަނީ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައެވެ. އޭގެ ތެރޭގައި ލިއަންޑްރޯ ޕަރޭޑޭސް އާއި ނަހުއެލް މޮލީނާ ގެ މައްޗަށް މެޗަށްފަހު ހިންގި ހަމަނުޖެހުންތަކުގައި މާރާމާރީ ހިންގިކަމުގެ ތުހުމަތު ކުރެވޭއިރު، އެސިސްޓެންޓް ކޯޗު ރޮބާޓޯ އަޔާލާ ގެ މައްޗަށް ވަނީ އަޚްލާޤީ މައްސަލައާއި ހަމަނުޖެހުމާ ގުޅޭ ތުހުމަތުތަކެއް ކުރެވިފައެވެ. މީގެ އިތުރުން ތިއާގޯ އަލްމާޑާ ކުޅިވަރުގެ އަޚްލާޤާ ހިލާފުވިކަމުގެ ތުހުމަތު ކުރެވޭއިރު، ސްޕެއިންގެ ކުޅުންތެރިޔާ ގާވީ ގެ މައްޗަށްވެސް އަޚްލާޤީ މައްސަލައެއް ވަނީ ހުށަހެޅިފައެވެ.
ކުޅުންތެރިންގެ އިތުރުން އާޖެންޓީނާގެ ސަޕޯޓަރުންގެ މައްސަލަތަކެއްވެސް ފީފާއިން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭގައި ދަނޑުތެރޭގައި ނަސްލީ އަމަލުތައް ހިންގުމާއި، ނަފްރަތު އުފެދޭފަދަ ލަވަތައް ކިޔުމުގެ އިތުރުން ދަނޑަށް ތަކެތި އުކި މައްސަލަ ހިމެނެއެވެ. މިފަދަ އަމަލުތަކަކީ ފީފާގެ އަޚްލާޤީ މިންގަނޑުތަކާ މުޅިން ޚިލާފު ކަންތައްތަކެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
އިންގްލެންޑް މެޗަށްފަހު ފޯކްލޭންޑް އައިލެންޑްސްއާ ގުޅޭ ސިޔާސީ ބެނާއެއް ބޭނުންކުރި މައްސަލަ އިނގިރޭސި ސަރުކާރުން ވަނީ ފީފާއަށް ހުށަހަޅާފައެވެ. ކުޅިވަރުގެ ހަރަކާތްތަކުގައި ސިޔާސީ މެސެޖުތައް ބޭނުންކުރުމަކީ ފީފާގެ ގަވާއިދުތަކާ ހިލާފު ކަމެއްކަމުން، މި މައްސަލަ ވަރަށް ސީރިއަސްކޮށް ބެލުމަށް އިނގިރޭސިވިލާތުން ވަނީ އެދިފައެވެ.
ފީފާއިން މިހާރު ވަނީ ތުހުމަތު ކުރެވޭ އެންމެންނަށްވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ކަމަށް ބުނެފައެވެ. އަދި މި މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.



